Last Updated: May 9, 14:00
Friday, May 9, 2025
ޚަބަރު

ދެން ނިޒާމީ ވޯޓެއް ނެގުމަކީ ހެޔޮވާވަރު ކަމެއް ނޫން

ރައީސް މުހައްމަދު ނަޝީދު އަދި ޤާސިމް އިބްރާހިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނެގުންވާނީ ޤާނޫނުއަސާސީގެ ރޫހާ ހިލާފު ކަމަކަށް ކަމަށާއި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ ވަކާލާތު ހުއްޓާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ގޮވާލައްވައިފިއެވެ.

ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި މި އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވީނަމަވެސް، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނު ތަކާއި އެއްގޮތަށް ރިޔާސީ އިންތިހާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިހާބު މެދުވެރިކޮށް ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައިވާ ކަމަށެވެ. އެ އިންތިހާބުގެ ނަތީޖާ ދިވެހިރައްޔިތުންނާއި، ބައިނަލްއަޤްވާމީ މުޖުތަމައުން ޤަބޫލުކޮށްފައި ވަނިކޮށް، އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމީ ވޯޓެއް ނެގުމަކީ ޤާނޫނުއަސާސީގެ ރޫހާ ހިލާފު އަދި ބައިނަލްއަޤްވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލު ތަކާއިވެސް މުޅީން ޚިލާފުކަމެއް ކަމަށް ވިދާޅުވިއެވެ.

"ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ޤާނޫނުއަސާސީ އާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫނެވެ. އަދި ކޮށްގެންވާނެކަމެއް ވެސް ނުމެ ނޫންމެއެވެ." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ތިމާމެން އެދޭގޮތް ހާސިލު ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ޤައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިސާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ޤައުމުގައި އުފެދިގެންދާނީ، ފިތުނައާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯއެވެ؟"

ނިޒާމީ ވޯޓުގެ ސަބަބުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން ތަސައްވަރު ކުރެވޭކަމަށް ވިދާޅުވެ ޤާސިމް ވިދާޅުވީ މިކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"ކަން މިހެން އޮތުމާއި އެކު މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލު ކުރާނޭ ވޯޓެއް ނޫން ކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަން އަޅުގަނޑު ފުރިގަމަ އަށް ޤަބޫލު ކުރަމެވެ." ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

އެހެން ކަމުން ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިޚާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް ކުރިއަށްދިއުމަކީ، މިއަދު ޤައުމުގެ ހައްޤުގައި އެންމެ އިސް ވާޖިބު ކަމަށް ދެކޭކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އަދި ޤައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކޮށް، ތަފާތު ރޮނގޮރޮނގުގައި ޤައުމު ކުރިއަށް ގެންދެވޭނީ ޤައުމުގައި ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމް ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ ވަކާލާތު ހުއްޓާލައްވާ މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމާއި ގެން ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށެވެ."