Last Updated: May 3, 06:00
Friday, May 3, 2024
ދުނިޔެ

އެމޭޒަން ސަރަހައްދުން ކޯމަސް މަރުވަނީ

އާދަޔާހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ބްރެޒިލްގެ އެމޭޒަން ސަރަހައްދުން ގިނަ އަދަދަކަށް ކޯމަސް މަރުވާން ފަށައިފި އެވެ.

އެ ގައުމުގެ ސައިންސް މިނިސްޓްރީގެ ދަށުން ހިންގާ މެމިރައުއާ އިންސްޓިޓިއުޓާ ހަވާލާދީ މީޑިއާތަކުން ބުނީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ ކޯމަސް މަރުވެފައިވާ ކަމަށެވެ. މަރުވެފައިވާ މި ކޯމަސްތައް ފެނުނީ ލޭކް ޓީފީއާ ދިމާލުންނެވެ.

ކޯމަސް މަރުވަމުންދާ ސަރަހައްދުގެ ފެންގަނޑުގެ ހޫނުމިން 102 ޑިގްރީ އަށް އަރާފައިވެ އެވެ. ހޫނު ގަދެވެ، ކޯމަސް މަރުވަމުންދާތީ މިހާރު އެމޭޒަން ސަރަހައްދުގައި އުޅޭ ކޯމަހުގެ އާބާދީ ސަލާމަތްކޮށް، ރައްކާތެރި އެހެން ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ގުޅޭ އޮފިޝަލުން އަންނަނީ ކުރަމުންނެވެ.

ކޯމަސް މަރުވަމުންދާ މައްސަލާގައި ތިމާވެށީގެ ސައިންސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، މިއީ އަނެއްކާ ވެސް ކްލައިމެޓް ޗޭޖް ނުވަތަ މޫސުމީ މީ ބަދަލުތަކާ ގުޅިގެން ކަންބޮޑުވާން ޖެހިފައިވާ އިތުރު މައްސަލައެކެވެ.

މި ދުވަސްވަރު ވަރަށް ބޮޑަށް ހޫނު ގަދަވެ އެމޭޒަން ކޯރާއި އެ ހިސާބުގެ އެހެން ވެސް ދިރުންތަކަށް ވަނީ އެކަމުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.