އިންތިހާބުގައި ބާތިލު ވޯޓު ގިނަވުމުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. އަދި ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މަތީގައި ހުރިކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ކޮމިޝަނުން މިކަމުގެ ހައްލު ހޯދާނެ." ހަބީބް ވިދާޅުވިއެވެ.
އެއް އިންތިޚާބެއްގެ ތަޖްރިބާގެ އަލީގައި، އަނެއް އިންތިހާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާހު ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. އެހެންނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުވެހުންނަ ކަމަށާއި، އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީ ވެސް މިފަދަ ގޮންޖެހުމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށް ނިމި، ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް މިއަދު އިއުލާން ކުރެވޭނެ ކަމަށެވެ.