Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

ނައިފަރުގައި ފެން ބޮޑުވެގެން ސިފައިން ހަރަކާތްތެރިވެއްޖެ

ފޮޓޯ: އެމްއެންޑީއެފް

ޅ. ނައިފަރުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ވިއްސާރައިގައި ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން މިއަދު ވަނީ ހަރަކާތްތެރިވެފައެވެ.

ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށު ބައެއް މަގުތަކުގައި ފެން ބޮޑުވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު 09:50 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހެނދުނުން ފެށިގެން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. އަދި ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން، އެރަށުގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކައި މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.