ޖަލު ހުކުމެއް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގެއަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.
ޕީޕީއެމްގެ ބައެއް އިސް ފަރާތްތަކުން ބުނަމުން ގެންދަނީ ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި ގެއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ސަރުކާރަށްވެސް ގޮވާލައްވާފައެވެ. މައުލޫމާތު ލިބިފައިވާ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވުނީ އެމަނިކުފާނުގެ ޖަލު ހުކުމެއް އަދި ދައްކަންޖެހޭ ޖުރިމަނާ ފައިސާ އޮތުމުންނެވެ. 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަތައް ހައިކޯޓުގައި ކުރިއަށްދާއިރު ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ދަމުންނެވެ.
އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް 46% އާއެކު ލިބުނީ 108،700 ވޯޓެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުއަށް 53% އާއެކު ލިބުނީ 126،400 ވޯޓެވެ.