އިއްޔަ މާލޭގައި ފައިސާ ބަހަން އުޅުނު މީހެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
އިއްޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު ވޯޓުލުން ކުރިއަށްދިޔަ ވަގުތު މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާ އެކު ހަރަކާތްތެރިވަމުންދިޔަ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އެ މައްސަލަ ފުލުހުންގެ ފަރާތުން އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން މައުލޫމާތު ދީފައިވެއެވެ.
އޭސީސީން ބުނެފައިވަނީ ފުލުހުން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެމީހާގެ އަތުންވެސް ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އެމީހާއާ ގުޅޭ އަދި މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި އޭސީސީންވެސް ހާމަކޮށްފައެއްނުވެއެވެ.