ނިޒާމީ ވޯޓަކަށް ދިއުމާ ގުޅޭ ގޮތުން އެމްޑީޕީން ގޮތެއް ނިންމަން މާދަމާ އެ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނޫނީ ބަރުލަމާނީ ނިޒާމެއްތޯ ބަލަން އާންމުންގެ ހިޔާލު ހޯދަން ނިޒާމީ ވޯޓަށް ދިއުމުގެ ވާހަކަ އަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަޗައިގެން އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސް އިން ބޭނުންވެގެން ނަގަން ވާހަކަ ދެކެވުފައި އޮތް ވޯޓެކެވެ. އެގޮތުން އެފަދަ ވޯޓެއް ނަގަން މަޖިލީހުން ފާސްކޮށް، އެކަން އިލެކްޝަން ކޮމިޝަން އީސީ) އަށް ވެސް އަންގާފައިވެ އެވެ. އެއީ މި މަހުގެ 30 ގެ ކުރިން އެވޯޓް ނެގުމަށެވެ.
ނަމަވެސް މިކަމުގައި މިހާރު އެމްޑީޕީން ނިންމާ ފަހު ނިންމުން ނިންމާނީ މާދަމާ ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމަގަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުން ބަލުވެވަޑައިގަތުމާ އެކީ އެމްޑީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ނިޒާމީ ވޯޓަށް ނެގުމަށް ނުފެންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް އިއްޔެ ވިދާޅުވެފައި ވަނީ ނިޒާމި ވޯޓަކަށް ބުނަން އޮތީ "ނޯ" ކަމަށާއި އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީވެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު އެމްޑީޕީން ދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ.
ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅުމުގެ ވާހަކަ އަކީ ހަމައެކަނި ނަޝީދު ބޭނުންވެގެން ކުރައްވަން އުޅުއްވާ ކަމެއް ކަމަށް ފާހަގަކުރެވެ އެވެ. އެހެންވެ ދައުލަތުުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްފައި "ބޭކާރު" ވޯޓެއް ނަގާކަށް ގިނަ ބަޔަކު ބޭނުން ނުވާކަން ފާހަގަކުރެވެ އެވެ.