Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

އައްޑޫގެ އާ ގޮނޑި އަށް އިމާދު ވާދަކުރަނީ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ އެކީ އައްޑު އަށް އިތުރުވި ގޮނޑިއަކަށް ވާދަކުރައްވާނެ ކަމަށް އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިން ވެސް މަޖިލީހުގައި މަސައްކަތްކޮށްފައިވާ އިމާދު ވާދަކުރައްވާނީ ފޭދޫ އުތުރު ދާއިރާ (ފޭދޫ/މަރަދޫފޭދޫ) ދާއިރާއަށެވެ. އެހެންވެ އެ ދާއިރާގެ ރައްޔިތުންގެ އެހީތެރިކަމާއި ތާއީދު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ އެވެ. އޭނަ އަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ، މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަސިޓީ އޮފް ނޮޓިންގަމް އިން މާސްޓާޒް އިން އެޑިޔުކޭޝަނަލް މެނޭޖުމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިމާދަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ވަޒީފާ އިން މަސައްކަތް ފައްޓަވައިގެން އެ ދާއިރާގެ ހިންގުމުގެ މަތީ މަގާމުތައް ވެސް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން ހޮވާނެ އެވެ. އެއީ އަލަށް އިތުރުވި ހަ ގޮނޑިއާ އެކީގަ އެވެ. އިތުރުވި ދާއިރާތަކަކީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ) ދާއިރާ އާއި ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅީ) އާއި ކޮލަމާފުށި ދާއިރާ (ގއ. ކޮލަމާފުށި، ދެއްވަދޫ) ގެ އިތުރުން އައްޑޫ ފޭދޫ އުތުރު ދާއިރާ (ފޭދޫ/މަރަދޫފޭދޫ) އެވެ.

މަޖިލީހުގެ އިންތިހާބު އޮންނާނެ އިރެއް އިލެކްޝަން ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ.

މިހާރު މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އަދި އައްޑޫ މެމްބަރުންގެ އަދަދަކީ 6 އެވެ.