Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ކަންގަނާގެ ވަތަނީ ފިލްމު މި މަހުގެ 27 ގައި

އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލު ބަތަލާ ކަންގަނާ ކުޅެފައިވާ ވަތަނީ ފިލްމު "ތޭޖާސް" ގެ ޕޯސްޓަރާއި ޓީޒާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 27 ގަ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ބަތަލު ވިކީ ކޯޝަލަށް ނެޝަނަލް އެވޯޑް ލިބުނު 2019 ގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށްފައިވާ "ތޭޖާސް" އަކީ ސަރްވޭޝް މެވާރާ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

"ތޭޖާސް" މި މަހު ބެލުންތެރިންނަށް ދޫކޮށްލާ އިރު، މިހާރު ވެސް ކަންގަނާގެ ފިލްމެއް އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. އެއީ ތަމަޅަ ހޮރޯ-ކޮމެޑީ "ޗަންދުރަމުކީ 2" އެވެ. އަދި އަންނަ މަހު ކަންގަނާ ޑައިރެކްޓްކޮށް، ކުޅުނު ސިޔާސީ ފިލްމު "އިމަޖެންސީ" ރިލީޒްކުރާނެ އެވެ. އެ ފިލްމު ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 24 އަށެވެ.