ނިޒާމީ ވޯޓާ ވެސް ގުޅޭ މައްސަލަ އެޖެންޑާކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމްގެ ހަމަނުވެގެން ބޭއްވޭ ގޮތް ނުވެ، ޖަލްސާ ނިންމާލައިފި އެވެ.
މިދިޔަ ހަފުތާގައި ވެސް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުނީ ހަމަ މި މައްސަލައާ ހެދި އެވެ.
މިއަދުގެ ޖަލްސާ ފެށިއިރު ހާޒިރުވެ ތިއްބެވީ އެންމެ 15 މެންބަރުންނެވެ. ޖަލްސާ ކުރިއަށް ގެންދެވޭނީ މަދުވެގެން 22 މެންބަރުން ތިއްބަައިގެން ކަމަށްވާތީ އެ އަދަދު ހަމަވޭތޯ މަޖިލީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނެވި ޖަލްސާގައި 15 މިނެޓް ވަންދެން މަޑުކުރެއްވި އެވެ.
ޖަލްސާ ނުބޭއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ، މެންބަރުން މިއަދު މަޖިލީހަށް ވަޑައިނުގަންނަވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ފަހަކަށް އައިސް މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާތައް ބޭއްވުމާއި ކުރިއަށް ގެންދިޔުމަށް ދަތިވަމުންދާ ކަމަށެވެ.