Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

އަކްޝޭގެ "ސްކައި ފޯސް" އަށް ތާރީހެއް

އިންޑިއާ އާއި ޕާކިސްތާނާ މެދު ހިނގި ވައިގެ ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އަކްޝޭ ކުމާރުގެ ފިލްމު "ސްކައި ފޯސް" ރިލީޒްކުރާ ތާރީހާ އެކީ އޭގެ މޯޝަން ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ މި ފިލްމު ޑައިރެކްޓްކުރަނީ ސަންދީޕް ކެވްލާނީ އާއި އަބީޝެކް އަނިލް ކަޕޫރެވެ. "ސްކައި ފޯސް" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.

މި ފިލްމުން އަކްޝޭއާ އެކީ އާ އެކްޓަރަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ ބަތަލާ ސާރާ އަލީ ޚާންގެ ކުރީގެ ލޯބިވެރިޔާ ވީރު ޕަހަރިއާ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ސްކައި ފޯސް" ގެ ކާސްޓްގައި ސާރާ ވެސް ހިމެނެ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ސްކައި ފޯސް" އުފައްދާ މެޑޮކްގެ ދެ ފިލްމެއް ސާރާ ކުރިން ކުޅެފައިވެ އެވެ. އެއީ މިދިޔަ ޖޫންގައި ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އާއި 2020 ގެ "ލަވް އާޖް ކަލް" އެވެ.

އަކްޝޭގެ "ސްކައި ފޯސް" އަންނަ އަހަރު ގެނެސްދޭން ނިންމި އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "މިޝަން ރާނީގަންޖު" އެވެ. މިއީ މި އަހަރު ރިލީޒްވާ އޭނަގެ ތިން ވަނަ ފިލްމެވެ. އޮގަސްޓްގައި ރިލީޒްކުރި "އޯއެމްޖީ" އިތުރުން ފެބްރުއަރީގައި އަކްޝޭގެ "ސެލްފީ" ގެނެސްދިނެވެ.