Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

ދުބާއީގައި އުދުހޭ ޓެކްސީ 2026 ގައި

ދުބާގައި 2026 ގައި އުދުހޭ ޓެކްސީގެ ހިދުމަތް ފަށާނެ ކަމަށާއި އެއާ އެކީ އެ އެތަން ވާނީ އެފަދަ ހިދުމަތްތެއް ދޭން ފަށާ ދުނިޔޭގެ ފުރަތަމަ ސިޓީ އަށް ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ އިނގިރޭސި ކުންފުނިން ބުނެފި އެވެ.

ލަންޑަނަށް ނިސްބަތްވާ ސްކައިޕޯޓްގެ ސީއީއޯ ޑަންކަން ވޯކާ ވިދާޅުވީ ދުބާއީގެ ވާޓިޕޯޓް 2026 ގައި އޮޕަރޭޝަނަށް ގެންނަން ޕްލޭންކޮށްފައިވާ އިރު، އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އުދުހޭ ޓެކްސީގެ ވާޓިޕޯޓާއި އެކަމަށް ބޭނުން ކުރާނެ އުޅަނދުތަކުގެ ޑިޒައިނަށް މިހާރު ޔޫއޭއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އާރްޓީއޭ) އިން ހުއްދަ ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ވާޓިޕޯޓްގެ މައި ހަބު ގާއިމުކުރަން ނިންމާފައި ވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގަ އެވެ.

ދުބާއީގައި އުދުހޭ ޓެކްސީގެ ހިދުމަތަށް ބޭނުން ކުރާނީ ޕައިލެޓާ އެކީ ފަސް މީހުންގެ ޖާގަ އެކުލެވޭ ތިމާވެއްޓާ ރައްޓެހި އުޅަނދެވެ. އަދި މި އެއްޗެހި ވާނީ ގަޑިއަކު 300 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރު ކުރެވޭނެ އެއްޗިއްސަށެވެ.

ވޯކާ ވިދާޅުވި ގޮތުގައި ދުބާއީ އަށް ތައާރަފުކުރާ އުދުހޭ ޓެކްސީގެ ހިދުމަތާ އެކީ ދުބާއީ އެއާޕޯޓަށް ކުރާ ދަތުރުގެ ދިގުމިން ބޮޑު ތަނުން ދަށްވެގެން ދާނެ އެވެ. އެގޮތުން ޕާމް ޖުމެއިރާ އިން އެއާޕޯޓަށް ދާން މިހާރު އެވްރެޖްކޮށް، 45 މިނިޓް ނަގާ އިރު، އުދުހޭ ޓެކްސީން އެ ދަތުރު އެންމެ ހަ މިނިޓަށް ކުރުވާނެ ކަމަށް ވިދާޅުވި އެވެ.

ވޯކާ ވިދާޅުވީ މި ނިޒާމު ގާއިމުކުރުމުގައި އޮތް އެންމެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިކަމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ތަސަައްވުރާއި ޓެކްސީގެ ހިދުމަތަށް ޒަމާނ ޓެކްނޮލޮޖީގެ ތެރެއިން އިންގިލާބީ ބަދަލުތަކެއް ގެންނަން ބޮޑު އިސްކަމެއް ދޭތީ އެވެ.

ޔޫއޭއަކީ މެދުއިރުމަތީގެ އެންމެ ކުރިއަފާފައިވާ އަދި މުޅި ދުނިޔެ އަށް ބެލިޔަސް ތަރައްގީގެ ގޮތުން ނަމޫނާ ދައްކަމުން އަންނަ ގައުމެކެވެ.

ތަރައްގީވެފައިވާ ވަރަށް ގިނަ ގައުމުން އުދުހޭ ޓެކްސީ އުފައްދައި، މި ހިދުމަތް ވިޔަފާރި އުސޫކުން ދޭން ޕްލޭންކޮށް، އެކަމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.