މި މަހުގެ 5 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި ކޮމެޑީ ފިލްމު "ޖޯކަރު" ގެ ވަދާއީ ޝޯ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
މި ފިލްމަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ޖޯކަރު" ގެ ކާސްޓްގައި އަހުމަދު ނިމާލު، ޝީލާ، ނަޖީބު، އަހުމަދު ސައީދު، އަލީ އާޒިމް (ދޮން އައްޔަ) ،ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާން ފާރޫގް، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.
މި ފިލްމަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ހަ ވަނަ ފިލްމެވެ.
ހުކުރު ދުވަހުގެ ރޭ "ޖޯކަރު" ފަހު ޝީ ދައްކަން ހަމަޖެހިފައިވާ އިރު، ހޮނިހިރު ދުވަހުގެ ރޭ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ކަޅަކި" އޮލިމްޕަހުގައި ޕްރީމިއާކުރާނެ އެވެ. ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ޔޫއްޕެ ވެސް ހިމެނޭ ގޮތަށް ވާޝިޔާ މުހައްމަދު، އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކު އަދި ލަހުފާ އެވެ.
އޮލިމްޕަހަށް މި އަހަރު ގެނައި ފިލްމުތަކުގެ ތެރޭގައި "ބީވީމާ"، "ވަނާޖުބޭސާ"، "ލޯބިވެވިއްޖެ"، "ކައުޝި" އަދި "ނީނާ" ހިމެނެ އެވެ.
ކުރިއަށް އަންނަން ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 4 އަށް ތާވަލުކޮށްފައި އޮތް ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އާއި ޑިސެމްބަރު 4 އަށް ތާވަލުކޮށްފައި އޮތް ލޯބީގެ ފިލްމު "ނޮވެމްބާ" ހިމެނެ އެވެ.