Last Updated: May 11, 19:51
Sunday, May 11, 2025
ކުޅިވަރު

މަހަކަށް ފަހު ޗެލްސީ އަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްގެ މައްޗަށް 2-0 އިން ޗެލްސީން ކުރި ހޯދައިފި އެވެ.

މިއީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހަށް ފަހު ޗެލްސީން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ލީގުގައި ޗެލްސީން ހޯދި ދެވަނަ މޮޅެވެ. ޗެލްސީން ލީގުގައި ދެން މޮޅުވެފައިވަނީ އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުން އަތުން 3-0 އިންނެވެ.

ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 18 ވަނަ މިނެޓްގައި މިކައިލޯ މުޑްރިކް ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. މިއީ މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުވި މުޑްރިކް އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. މުޑްރިކް މި ގޯލު ކާމިޔާބު ކުރީ ފުލަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް މޭމަތިން ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މުޑްރިކް ގޯލު ޖެހިތާ މިނެޓެއް ފަހުން ޗެލްސީގެ ޒުވާން ފޯވާޑް އަރްމާންޑޯ ބްރޯޖާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ބްރޯޖާ މި މެޗަށް އެރުވީ ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ސަސްޕެންޝަނުގައި ހުރުމުންނެވެ.

ދެވަނަ ހާފްގައި ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ޗެލްސީ އަށް ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އިއާން މާޓްސެން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އެންޒޯ ފެނާންޑޭޒްގެ ހަމަލާ ދިފާއުކުރީ ފުލަމްގެ ކީޕަރު ލެނޯ އެވެ. މި މެޗުގައި ފުލަމް އަށް ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސާސާ ލުކިޗަށް ކަމަށްވާއިރު އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ޗެލްސީގެ ކީޕަރު ސަންޗޭޒް އެވެ.

މި މޮޅާއެކު ޗެލްސީ އޮތީ ހަތް މެޗުން ލިބުނު 8 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ. ފުލަމް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ލީގުގެ 13 ވަނައިގަ އެވެ. އެއްވަނައިގައި 18 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.