Last Updated: May 11, 14:51
Sunday, May 11, 2025
ޚަބަރު

ކޮމިޓީތަކަށް އެމްޑީޕީން ނަން ނުފޮނުވާ، ކޮމިޓީ މަސައްކަތްތައް ކުރިއަށް ނުދޭ

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރައްވާނޭ މެންބަރުންގެ ނަންތައް އެ ޕާޓީން އަދިވެސް ނުފޮނުވާކަމަށާއި އެކަމާ ގުޅިގެން ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުދާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެކުލެވިގެންވާގޮތް ފާސްކުރެވިފައިވާ ކަމަށާއި އަދި މިހާތަނަށް ޕާޓީތަކުން ކޮމިޓީތަކުގައި ތަމްސީލު ކުރާނޭ މެންބަރުންގެ ނަންތައް ފޮނުވާފައިވަނީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކަމަށެވެ.

އެމްޑީޕީން އަދިވެސް ކޮމިޓީތަކުގައި ތަމްސީލުކުރާނޭ މެންބަރުންގެ ނަންތައް ނުފޮނުވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން އެކަމުގައި އަދިވެސް ވޯޓަށްނޭހި އޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތް ނުކުރެވިވާކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެންބަރުން ނިސްބަތްވާ ގޮތަށް ބަލާލާއިރު އެމްޑިޕީގައި 56 މެންބަރުން، ދަ ޑިމޮކްރެޓްސް 13 މެންބަރުން، ޕީޕީއެމް 4 މެންބަރުން، ޕީއެންސީ 4 މެންބަރުން، އެމްއެންޕީ 3 މެންބަރުން، އެމްޑީއޭ 2 މެންބަރުން، ޖުމްހޫރީ ޕާޓީ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުންނެވެ.