Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ކެޓްރީނާގެ "މެރީ ކްރިސްމަސް" އަވަސްކޮށްފި

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތިޕަތީ ލީޑް ރޯލު ކުޅެފައިވާ ތުރިލާ "މެރީ ކްރިސްމަސް" ރިލީޒްކުރާ ތާރީހު އަވަސްކޮށްފި އެވެ.

ޑިސެމްބަރު މަހުގެ 15 އަށް ތާވަލުކުރި ފިލްމުގެ ތާރީހަށް މިހާރު ގެނައި ބަދަލާ އެކީ ހަފުތާއެއް ކުރިއަށް ޖައްސައި މިހާރު ބެލުންތެރިންނަށް ފިލްމު ދޫކޮށްލާނީ އެ މަހުގެ 8 ގަ އެވެ. "މެރީ ކްރިސްމަސް" އަކީ "އަންދާދުން" އާއި "ބަދުލާޕޫރް" އަދި "އޭކް ހަސީނާ ތީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ސްރީރާމް ރަހްޗަން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މެރީ ކްރިސްމަސް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ވިނޭ ޕަތަކް، ޕްރަތިމާ ކަޒްމީ، ޓިނޫ އާނަންދު އަދި ރާދިކާ ސަރަތުކުމާރު ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުމަލުން "އަންދާދުން" ގެ ރޯލެއް ކުޅުނު ރާދިކާ އަޕްޓޭ ވެސް ފެންނާނެ އެވެ.

"މެރީ ކްރިސްމަސް" ޑިސެމްބަރުގައި ގެނެސްދޭ އިރު، ސަލްމާން ޚާނާ އެކީ ކެޓްރީނާ ކުޅެފައިިވާ "ޓައިގާ 3" އަންނަ މަހު ސިނަމާތަކަށް ގެންނާނެ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، މަނީޝް ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސަލްމާނާއި ކެޓްރީނާ ކުޅެމުން އަންނަ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.

ކެޓްރީނާއާ އެކީ "މެރީ ކްރިސްމަސް" ގެ ބަތަލުގެ ރޯލު ކުޅުނު ވިޖޭ އަކީ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ޝާހްރުކް ޚާންގެ "ޖަވާން" ގެ ވިލަން އެވެ.