Last Updated: May 11, 17:55
Sunday, May 11, 2025
ދުނިޔެ

މިސްރުގެ ރައީސް ތިން ވަނަ ދައުރަކަށް

ޑިސެމްބަރު މަހު ބާއްވާ މިސްރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އިއުލާން ކުރައްވައިފި އެވެ.

ކުރިން ވެސް ބެލެވިފައި އޮތީ އޭނަ ތިން ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށެވެ.

ގާހިރާގައި އިއްޔެ ސަޕޯޓަރުންނާ އެކީ ބޭއްވި އެއްވުމެއްގައި ސީސީ ވިދާޅުވީ އޭނަ އިންތިހާބުގައި ވާދަކުރައްވަން އެތައް ބަޔަކު އެދެމުންދާ ކަމަށާއި އެހެންވެ ތިން ވަނަ ދައުރަކަށް ނުކުންނަވަން މިހާރު ނިންމަވާފައިވާ ކަމަށެވެ. އަދި ތިން ވަނަ ދައުރެއް ހޯއްދެވުމަކީ ހުވަފެނެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސީސީ މިސްރުގެ ރައީސްކަމަށް ވަޑައިގެންނެވީ 2014 ގަ އެވެ. އޭގެ ފަހުން 2018 ގައި އަލުން އިންތިހާބުވެވަޑައިގަތެވެ. އުމުރުން 68 އަހަރުގެ ސީސީ އަކީ މިސްރުގެ ޑެޕިއުޓީ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ، އެ ގައުމުގައި ސިޔާސީ ގޮތުން މިހާރު ހުންނެވި އެންމެ ނުފޫޒު ގަދަ ބޭފުޅާ އެވެ.

މިސްރުގެ ރިޔާސީ އިންތިހާބު އޮންނާނީ ޑިސެމްބަރު މަހުގެ 10-12 އަށެވެ.

މި އިންތިހާބުފައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އިދިކޮޅު ލީޑަރު އަހުމަދު އަލް-ތަންތާވީ އާއި އިޖިޕްޝަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ފާރިދު ޒަހްރާނާއި ވަފުދު ޕާޓީގެ ވެރިޔާ އަބްދުލް-ސަނަދު ޔަނާނާގެ އިތުރުން ލިބެރަލް ކޮންސްޓިޓިއުޝަން ޕާޓީގެ ވެރިޔާ ގަމީލާ އިސްމާއީލް ހިމެނެ އެވެ.