Last Updated: May 11, 14:43
Sunday, May 11, 2025
ޚަބަރު

ޖާބިރުގެ ފާޑުކިޔުން ފައްޔާޒަށް، ގޮވާލީ އިސްތިއުފާއަށް

މެންބަރު އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަރަށް ވަރުބަލި ވެފައިވާ ކަމަށާއި ހާއްސަކޮށް ޗެއާޕާސަން ފައްޔާޒް ވަރުބަލުވެފައިވާކަމަށެވެ. އަދި ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށްވެސް ޖާބިރު ގޮވާލެއްވިއެވެ.

"އެއީ އެމްޑީޕީގައި ހުރިހާ ރިސޯސްއޮށްވާ، ޚުދު އަޅުގަނޑަށްވެސް ނޭންގި އަޅުގަނޑުގެ ދާއިރާއަށްވެސް ވީގޮތެއް ނޭންގި އޭނާ ފެއިލްވެގެންދިޔަ ދިޔުމުގެ ރެސްޕޯންސިބިލިޓީ އޭނާ [ފައްޔާޒް] ނަގަންޖެހޭނެ." ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީ އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުވެސް ހިނގަންޖެހޭނީ ގަވައިދުގެ ތެރެއިންކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ މުދަލެއް ނޫންކަމަށެވެ. އެމްޑީޕީގެ ކަންކަން ނިންމާނީ ގައުމީ މަޖިލީހުންކަން ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ބަލައިގަތުމަށް މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެދުގައި އެއްބަސްވުމަކަށް ނާދެވުނުކަން ވެސް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެކަމުގައި މަޝްވަރާކުރަންވެސް ފައްޔާޒަށް ނޭންގުނު ކަމަށެވެ. އަދި ފައްޔާޒްގެ ޗެއާޕާސަންކަމާއެކު އެމްޑީޕީއަށް ވަރަށް ބަދުނަސީބު ގޮތެއް މެދުވެރިވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"[އެމްޑީޕީ] ގައުމީ މަޖިލީހުގައި ހިނގަމުންދާ މާފިއާ ޖެހޭނީ ނައްތާލަން. އަދި ޕީޖީ ގްރޫޕުގެ ތެރޭގައިވެެސް މާފިއާ އޮވެގެން ނުވާނެ. އެމްޑީޕީ އެބަ ހިނގަންޖެހޭ ޑިމޮކްރަޓިކް އުސޫލުން." ޖާބިރު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް އައުމަކީ ކަންކަންކުރެވޭނެ ރަނގަޅު މެކޭނިޒަމްއެއް ގާއިމުކުރުންކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެކަން ރަނގަޅަށް ރައްޔިތުންނަށް އެނގެންޖެހޭކަމަށެވެ. މިހާރު ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާ ސިދާ ބައްދަލުނުކުރެވޭކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ބުނާ އެއްޗެއް އަޑުނާހާތީ ދެއްތޯ މިހެން މިވަނީ. ކީއްތޯ ވާނީ މަޖިލިސް މެންބަރަކު އެސްއެމްއެސްއެއް ކޮށްލީމާ ޖަވާބުދާރީ ވިއްޔާ. އިންތިހާބު އަންނަ ގަޑީތޯ މަޖިލިސް މެންބަރު ފެންނަނީ." ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވިދާޅުވީ މިއަދު އެމްޑީޕީ ފެއިލްވީ ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ މަސައްކަތް ކުރުވުމުން ކަމަށެވެ. ކުރީ ރިޔާސީ އިންތިހާބުގެ ކެމްޕޭނެއް ނޫންކަމަށާއި ކުންފުނިތައް ބޭނުންކޮށްގެން ލާރި އެޅީކަމަށް ވިދާޅުވިއެވެ.