ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރް ކުޅުނު ކާމިޔާބު ފިލްމު "ޖަބް ވީ މެޓް" ގެ ސީކްއެލްއެއް ހަދަން އުޅޭ ކަމަށް ބުނާ ވާހަކަ އެ ފިލްމުގެ ޑައިރެކްޓަރު އިމްތިއާޒް އަލީ ދޮގުކޮށްފި އެވެ.
ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ 2007 ގެ ފިލްމުގެ ދެވަނަ ބައި ހަދަން އުޅޭ ކަމަށް ބުނެ ވަރަށް ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެދުދޮގު ސާފުކުރަން އެއްވެސް މީޑިއާއަކުން އޭނަ ނުގުޅާ ކަމަށް އިމްތިއާޒް ބުންޏެވެ.
އެހެންވެ "ޖަބް ވީ މެޓް 2" ގެ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުންޏެވެ.
"އޭގެ ދެވަނަ ބައެއް ހަދާނެ ޕްލޮޓެއް ވެސް އަހަރެންގެ އަތަކު ނެތް. އެހެންވީމަ ސީކްއެލްގެ ވާހަކަ އަކީ ހަގީގަތެއް ނެތް ވާހަކައެއް." ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމު ލިޔެ، ޑައިރެކްޓްކުރި އިމްތިއާޒް ބުންޏެވެ.
"ޖަބް ވީ މެޓް" ގެ ސީކްއެލް ހަދަން އުޅޭ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ އެ ރޮމޭންޓިކް ކޮމެޑީ ޕްރޮޑިއުސްކުރި ސްރީ އަޝްޓަވިނާޔަކް ސިނެ ވިޝަންގެ ގޮޕްތެއް ކަމަށްވާ ގަންދާރު ފިލްމްސްގެ ވެރިޔާ ރާޖް މެހެތާއާ ހަވާލާދީ އެވެ. ނަމަވެސް އޭނަ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ކަރީނާގެ ވަރަށް މޮޅު އެކްޓިންއެއް ފެނޮގެން ދިޔަ "ޖަބް ވީ މެޓް" އަކީ އެންމެ 15 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) ގެ ބަޖެޓަޖުން ހަދައި ބޮކްސް އޮފީހުގައި 50.9 ކްރޯޑް ރުޕީސް (6.11 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު ރިލީޒްކުރި ދުވަސްވަރު އޭގެ ބައެއް ލަވަތައް ވެސް ވަރަށް މަޝްހޫރުވެގެން ދިޔަ އިރު، ފިލްމުގައި ކަރީނާ ހެދުން އެޅި ގޮތް ބޮޑު ފެޝަން ޓްރެންޑަކަށް ވެސް ވި އެވެ.
"ލަވް އާކް ކަލް" އާއި "ރޮކްސްޓާ" ވެސް ގެނެސްދިން އިމްތިއާޒްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ "ޗަމްކީލާ" އެވެ. އޭގެ ތަރިންނަކީ ދިލްޖީތު ދޮސަންޖާއި ޕަރިނީތީ ޗޯޕްޅާ އެވެ.