Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

ސެމްބެ ޕީއެންސީއާ ގުޅުނުކަން މަޖިލީހަށް އަންގައިފި

މެންބަރު ހުސެއިން މުހައްމަދު ލަތީފު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންތިހާބީ ނައިބުރައީސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އިއުލާނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސެއިން މުހައްމަދު ލަތީފު ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއި ކުރެއްވީ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް މެންބަރު ހުސެއިން މުހައްމަދު ލަތީފު ހުށަހަޅުއްވާފައިވާ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނުންވެސް ހުށަހަޅާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެންބަރުން ނިސްބަތްވާ ގޮތަށް ބަލާލާއިރު އެމްޑިޕީގައި 56 މެންބަރުން، ދަ ޑިމޮކްރެޓްސް 13 މެންބަރުން، ޕީޕީއެމް 4 މެންބަރުން، ޕީއެންސީ 4 މެންބަރުން، އެމްއެންޕީ 3 މެންބަރުން، އެމްޑީއޭ 2 މެންބަރުން، ޖުމްހޫރީ ޕާޓީ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުންނެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައިސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންފައިވަނީ 129،159 ވޯޓެވެ.