Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ޝާހިދާއި ކްރިތީގެ ފިލްމު އަންނަ އަހަރަށް

ޝާހިދު ކަޕޫރާއި ކްރިތީ ސެނަން އެކީގައި ކުޅެފައިވާ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އަދިވެސް ނަން އިއުލާން ނުކުރާ، އެކަމަކު މި އަހަރުގެ ކުރީކޮޅު ފަސްޓްލުކް ޕޯސްޓަރެއް ދައްކައިލި މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ތާވަލުކުރީ މި މަހަށެވެ. ނަމަވެސް ފަހުން މި އަހަރުގެ ޑިސެމްބަރު 7 އަށް ފިލްމު ފަސްކުރި އެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ މި ރޮބޮޓިކް ލަވް ސްޓޯރީ މިހާރު ބެލުންތެރިންނަށް ދޫކޮށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 9 ގަ އެވެ.

އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ދަރުމެންދުރާ އާއި އޭނަގެ ދަރިފުޅު ސަނީ ޑިއޯލްއާ ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މެޑޮކްގެ މި ފިލްމަކީ ޝާހިދާއި ކްރިތީގެ ކެމިސްޓްރީ ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. ކްރިތީ އަކީ މި އަހަރު ނެޝަނަލް އެވޯޑް ވެސް ކަށަވަރުކޮށްފައިވާ ބަތަލާއެކެެވެ. އެއީ މެޑޮކްގެ 2021 ގެ ފިލްމު "މިމީ" ގައި ކުޅުނު ރޯލުންނެވެ.