Last Updated: May 11, 14:51
Sunday, May 11, 2025
ޚަބަރު

ތާއީދުނުކޮށްފި ނަމަ ނިޒާމީ ވޯޓަކަށް ނުދާން އެމްޑީޕީން ބުނި

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް ޕާޓީން ވަކިބަޔަކަށް ތާއީދުނުކޮށްފި ނަމަ ނިޒާމީ ވޯޓަށް ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނިކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ ދިޔައިރު ދަ ޑިމޮކްރެޓްސް ޕާޓީގާތުން އެދިފައިވަނީ ވަކިބަޔަކަށް ތާއީދު ނުކޮށް ތިބެއްޖެނަމަ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ތާއީދު ކުރާނެ ކަމަށެވެ.

"އަދި އެމްޑީޕީން ވަނީ ޑިމޮކްރެޓްސް އަތުން، އަޅުގަނޑަށް މައުލޫމާތު ލިބިފައިއޮތް ގޮތުގައި، ސިޓީއެއް މި މަގަށް ހޯއްދަވާފައި. އެހެންނަމަވެސް އެމްޑީޕީން މިސިޓީގެ ޖަވާބު ނުދެއްވާ އޮތީ. އަޅުގަނޑު ނުދަންނަވަން އެމްޑީޕީއަކީ ބަހުގެ އިތުބާރު މިވަގުތު ހިފޭބާވަތުގެ ޕާޓީއެއް ކަމަކަށް. އެހެންނަމަވެސް ކަންކަން ހިނގާފައިވާގޮތް ހަމަ ދަންނަވާލީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައްޔިތުންގެ މަޖިލީހުން ފާސްވެސް ކޮށްފައިވަނީ އެމްޑީޕީގެ މެންބަރުންގެ ވޯޓާއި ތާއީދާވެސް އެކުއެވެ.

އެހެންނަމަވެސް އިންތިހާބުން ބަލިވުމުން އެމްޑީޕީން ބުނަމުން އަންނަނީ ނިޒާމީ ވޯޓާގުޅޭގޮތުން ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ. އަދި މިރޭ އެ ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމާފައވެެ.