Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

"ފެނަކަ އުޅެނީ ކައުންސިލާއި ރައްޔިތުން ޖައްސަން"

މޭޔަރު އަބްދުﷲ ސޯދިގް މިދިޔަ ޑިސެމްބަރު މަހު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި. ފޮޓޯ/ މަޖިލިސް އިދާރާ

ފެނަކަ ކޯޕަރޭޝަނަށް އައްޑޫ ސިޓީ ކައުންސިލުން އެއްވެސް ފައިސާއެއް ދައްކަން ނޯންނާނެ ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަނީ ކައުންސިލްގެ އަގު ވައްޓާލައި ރައްޔިތުންނާއި ކައުންސިލް ޖައްސަން ކަމަށް އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ފެނަކަ އިން ބުރާސްފަތި ދުވަހު ވަނީ ކައުންސިލުން އެ ކުންފުންޏަށް ހަ މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ކައުންސިލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ސޯބެ ވިދާޅުވީ އެންމެ ފަހުން ވެސް ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ގޮތުގައި އޮންނާނީ 50،000ރ. ވަރަކަށް ރުފިޔާ ކަމަށާއި އެ ފައިސާ ވެސް ބުރާސްފަތި ދުވަހު ދައްކާފައި ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން ދައްކަން ޖެހޭ ބިލްތަަކަށް މީގެ ކުރިން ވެސް ދިޔައީ ބަރާބަރަށް ފައިސާ ދައްކަމުން ކަމަށެވެ.

މޭޔަރު ވިދާޅުވީ "ފެނަކަ އިން އެ ބުނާ އަދަދަކަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިފައެއް ނޯންނާނެ" ކަމަށާއި "އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު އަދި ކަންކަން ބަލަން ޖެހޭ ވަރަށް ނުބަލައި ދައްކާ ހަގީގަތެއް ނެތް ރޯ ބުހުތާން ދޮގުތަކެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯބެ އި އިތުރަށް ވިދާޅުވީ ފެނަކަ އިން އުޅެނީ ރައްޔިތުން އިންތިހާބްކޮށްފައި އޮތް ކައުންސިލާ ރައްޔިތުން ޖައްސައި ފިތުނަ އުފައްދަން ކަމަށެވެ.

އެގޮތުން ކައުންސިލާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ފެނަކަ އިން ފަތުރަމުންދާތީ ގާނޫނީ ގޮތުން ފެނަކައާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު ކައުންސިލުން އަޅާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އަދި ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ނުބަލައި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ފެނަކައިން ވާހަކަ ދައްކަމުން ދާ ކަމަށް ސޯބެ ވިދާޅުވި އެވެ.

މޭޔަރު އަދި ވިދާޅުވީ އައްޑޫން ކަރަންޓް ކެނޑޭ މައްސަލައިގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ފެނަކަ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން އުފެއްދި ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އަކީ ފެނަކައިގެ ދަށަށް ބަދަލު ކުރުމުގެ ކުރިން ބަރާބަރަށް ހިނގަމުން ދިޔަ ފައިދާވާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނި ހިންގުމުގެ ގާބިލްކަމާއި ތަޖުރިބާ ހުރި މީހުން އައްޑޫގައި އެބަތިބި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ނަމަވެސް ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި އެސްޔޫއެލް ފެނަކައިގެ ދަށަށް ބަދަލު ކުރުމަކީ ސަރުކާރުން ވެސް ކޮށްފައި އޮތް ގާނޫނާ ހިލާފް އަމަލެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.