Last Updated: May 11, 14:43
Sunday, May 11, 2025
ޚަބަރު

ނިޒާމީ ވޯޓަކަށް ދާން ވާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން

މެންބަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންވާނީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ނިޒާމީ ވޯޓެއް ނެގުމަށް މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއަށް ބަހުސްކޮށްފައެވެ. އެގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވެނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށާއި ގާނޫނުއަސާސީ އިސްލާހުކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ލާޒިމުކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުން މި ގާނޫނުއަސާސީ އިސްލާހުކުރަމުން އައިއިރު ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފައި ވާތީ، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން، އެއީ ޕްރެސެޑެންޓެއްގެ ގޮތުގައި ބައްލަވަނީ ކަމަށް ވެދާނެކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އެގޮތަށް އެކަން ކުރަންޖެހޭ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނީ ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ފާސްކުރުމަށްފަހު ކަމަށެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރުމުގެ ބަދަލުގައި ދާއިމީ ކޮމިޓީއަކަށް ގެންގޮސްގެން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދައިގެން ކުރުމަށް ހުށަހަޅާކަމަށެވެ. އަސްލަމްގެ މި ހުށަހެޅުއްވުމަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ.