ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް ޕާޓީން ވަކިބަޔަކަށް ތާއީދު ނުކޮށްފިނަމަ ނިޒާމީ ވޯޓަށް ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނިކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް އެމްޑީޕީން ރައްދު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ ދިޔައިރު ދަ ޑިމޮކްރެޓްސް ޕާޓީގާތުން އެދިފައިވަނީ ވަކިބަޔަކަށް ތާއީދު ނުކޮށް ތިބެއްޖެނަމަ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ތާއީދު ކުރާނެ ކަމަށެވެ. އަދި އެމަގަށް ޑިމޮކްރެޓްސްގެ އަތުން އެމްޑީޕީން ސިޓީއެއްވެސް ހޯދި ކަމަށެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރާނެ ކަމަށެވެ. އެހެންނަމަވެސް މި ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދަ ޑިމޮކްރެޓްސްއަށް އަންގާފައިވާނެ ކަމަށެވެ
އެމްޑީޕީން ބުނެފައިވަނީ މީގެ އިތުރުން އެއްވެސް ކަމަކަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެ ކަމަށެވެ.
"އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދި ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ މި ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫނެވެ." އެމްޑީޕީގެ ޓްވީޓްގައިވެއެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައްޔިތުންގެ މަޖިލީހުން ފާސްވެސް ކޮށްފައިވަނީ އެމްޑީޕީގެ މެންބަރުންގެ ވޯޓާއި ތާއީދާވެސް އެކުއެވެ.
އެހެންނަމަވެސް އިންތިހާބުން ބަލިވުމުން އެމްޑީޕީން ބުނަމުން އަންނަނީ ނިޒާމީ ވޯޓާގުޅޭގޮތުން ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ. އަދި މިރޭ އެ ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމާފައެވެެ.