Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ސަނީ ދެން ކުޅޭނީ އާމިރުގެ ފިލްމެއް

"ގަދަރު 2" ގެ ބޮޑު ކާމިޔާބީ އަށް ފަހު އެކްޓަރު ސަނީ ޑިއޯލް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފިލްމަކީ އާމިރު ޚާންގެ ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ލާހޯރް: 1947" އެވެ. މި ފިލްމު މިއަދު އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެެއް ނުކުރެ އެވެ. އެހެންވެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް އަދި ނޭނގެ އެވެ.

އާމިރުގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ސަންތޯޝީ އާއި ސަނީއާ އެކީ ފިލްމެއްގެ މަސައްކަތް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިކަމަށް އެންމެންގެ ހެޔޮދުއާ ބޭނުންވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަަމަކީ ސަންތޯޝީ އަކީ ސަނީގެ ކެރިއަރުގެ ވަރަށް ކާމިޔާބު ތިން ފިލްމެއްގެ ޑައިރެކްޓަރުކަމެވެ. އޭގެ ތެރޭގައި ސަނީ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު 1993 ގެ "ދާމިނީ" ގެ އިތުރުން 1990 ގެ "ގާޔަލް" އާއި 1996 "ގަތަކު" ހިމެނެ އެވެ. މި ދެ މީހުން އެކީގައި އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށަން ތައްޔާރު މިވީ، އެކީގައި މަސައްކަތްކުރަން ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ.

އޮގަސްޓްގައި ރިލީޒްކުރި "ގަދަރު 2" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން ސަނީ، 66، އަށް މިހާރު އަންނަނީ ގިނަ އޮފާތަކެއް ވެސް ލިބެމުންނެވެ.

ސަަންތޯޝީ، 67، މި އަހަރުގެ ކުރީކޮޅު ދެ ފިލްމެއް ގެނެސްދިނެވެ. އެއީ ޖެނުއަރީގައި ރިލީޒްކުރި "ގާންދީ ގޯދުސޭ: އޭކް ޔުދު" އާއި އެޕްރީލްގައި ރިލީޒްކުރި "ބޭޑް ބޯއި" އެވެ.

ސަންތޯޝީ އާމިރާ އެކީ ވެސް ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ސަލްމާން ޚާން ވެސް މުހިއްމު ރޯލެއް ކުޅުނު 1994 ގެ "އަންދާޒު އަޕްނާ އަޕްނާ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަނީއާ އެކީ ސަންތޯޝީ ހަދާ "ލާހޯރް: 1947" އަކީ އާމިރުގެ ފިލްމު ކުންފުންޏަށް އޭނަ ހަދަން އެއްބަސްވި ތިން ފިލްމުގެ ތެރެއިން ފިލްމެކެވެ.