Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ކާޖޮލް އާއި ކްރިތީއާ އެކީ ޝަހީރު

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކާޖޮލް އާއި މި އަހަރު ނެޝަނަލް އެވޯޑް ކަށަވަރުކުރި ޒުވާން ބަތަލާ ކްރިތީ ސެނަން އެކީގައި ކުޅޭ ތުރިލާ "ދޯ ޕައްތީ" އަށް އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޝަހީރު ޝެއިހް ސޮއިކޮށްފި އެވެ.

އޭނަ އަކީ މަގުބޫލު ސިލްސިލާތައް ކަމަށްވާ ސޮނީ ޓީވީން ގެނެސްދިން "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" އާއި ސްޓާ ޕްލަސްގެ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ބަތަލެވެ. ޝަހީރު އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ބާރަތުއިން ދާދި ފަހުން ނިންމައިލި "ވޯ ތޯ ހޭ އަލްބޭލާ" އިންނެވެ.

ޝަހީރު ބުނީ "ދޯ ޕައްތީ" އިން ފުރުސަތު ލިބުމަކީ ކެރިއަރުގެ މުޅިން އާ ދަތުރެއް ކަމަށާއި މިފަދަ ފުރުސަތާ މެދު ވަރަށް އުފުލުން ހުރި ކަމަށެވެ. މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނަގެ އަންހެނުން ރުޗިކާ ކަޕޫރާއި ފިލްމުގެ ސްކްރީންޕްލޭ ލިޔުނު ކަނިކާ ދިލަން ވެސް ހިއްސާވެ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން މިސްޓްރީ ތުރިލާ ޖޯންރާގެ މި ފިލްމަކީ ކްރިތީގެ އަމިއްލަ ފިލްމު ކުންފުނި، ބްލޫ ބަޓަ ފްލައި ފިލްމްސް އިން އުފައްދާ ފުރަތަމަ ފިލްމެވެ. "ދޯ ޕައްތީ" ގެ ޑައިރެކްޓަރަކީ މިހާތަނަށް ވަރަށް ގިނަ ޓީވީ އިޝްތިހާރުތައް ހަދާފައިވާ ޝަޝަންކާ ޗަތުރަވެދީ އެވެ.