ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރޭ ގަލަތަސަރާއީ އަތުން 3-2 އިން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވަނީ ބަޔާން މިއުނިކް އަތުން 4-3 އިން ބަލިވެފަ އެވެ. ގަލަތަސަރާއީ ކުޅުނު ފުރަތަމަ މެޗުގައި ކޮޕެންހޭގަންއާ ބައްދަލުކޮށް ވީ 2-2 އިން އެއްވަރެވެ.
މި ގްރޫޕްގެ އެއްވަނައިގައި ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކެވެ. ބަޔާނުން ރޭ ވަނީ ކޮޕެންހޭގަން އަތުން 2-1 އިން މޮޅުވެފަ އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު ގަލަތަސަރާއީ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ކޮޕެންހޭގަން އެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޔުނައިޓެޑެވެ.
ރޭގެ މެޗުގެ 17 ވަނަ މިނެޓްގައި ޔުނައިޓެޑުން ލީޑު ނެގިއިރު މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރަސްމުސް ހޮއިލުންޑް އެވެ. ހޮއިލުންޑް މި ގޯލު ކާމިޔާބު ކުރީ މާކަސް ރަޝްފޯޑް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި ގަލަތަސަރާއީ އިން ނަތީޖާ އެއްވަރުކުރިއިރު މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު ވިލްފްރެޑް ޒަހާ އެވެ.
ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގެ 67 ވަނަ މިނެޓްގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ވެސް ލީޑު ނަގައިދިނީ ހޮއިލުންޑް އެވެ. ގަލަތަސަރާއީ އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަކްޓޮގޯލޫ އެވެ. އަދި މެޗުގެ 77 ވަނަ މިނެޓްގައި ގަލަތަސަރާއީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑްގެ ކަސެމީރޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ގަލަތަސަރާއީ އަށް ޕެނަލްޓީއެއް ދިން ނަމަވެސް މައުރޯ އިކާޑީ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި އިކާޑީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ މި މެޗުން ގަލަތަސަރާއީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މިއީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ އިނގިރޭސިވިލާތުގައި ކުޅެ ގަލަތަސަރާއީ އިން ހޯދި ފުރަތަމަ މޮޅެވެ.