ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ނަޕޯލީ އަތުން 3-2 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާ އެކު ރެއާލް އޮތީ ގްރޫޕް ސީ ގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ސްޕޯޓިން ބްރާގާ އެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޔޫނިއަން ބާލިން އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނަޕޯލީންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓްގައި މި ގޯލު ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ އޮސްޓިގާޑް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިނީޝަސް ޖޫނިއާ ރެއާލަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުގެ 34 ވަނަ މިނެޓްގައި ރެއާލްގެ ހުނަރުވެރި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ނަޕޯލީގެ ދެތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބެލިންހަމް މި ގޯލު ކާމިޔާބުކޮށްދިން އިރު މިއީ އޭނާ އެޓީމަށް ކާމިޔާބުކޮށްދިން 8 ވަނަ ގޯލެވެ. ބެލިންހަމް އަކީ މި ސީޒަނުގައި ރެއާލަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.
ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ނަޕޯލީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ރެއާލްގެ ޑިފެންޑަރު ނާޗޯގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީ ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ ޒިއެލިންސްކީ އެވެ.
މި މެޗުން ރެއާލް މޮޅުވި ގޯލަކީ މެޗުގެ 78 ވަނަ މިނެޓްގައި ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލު ވަދެފައިވަނީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ރެއާލްގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި ކީޕަރުގެ ބޮލުގައި ޖެހިފަ އެވެ.
މި ގްރޫޕްގައި ހިމެނޭ ސްޕޯޓިން ބްރާގާ އިން ރޭ ވަނީ 3-2 އިން ޔޫނިއަން ބާލިން އަތުން މޮޅުވެފަ އެވެ.