Last Updated: May 11, 17:32
Sunday, May 11, 2025
ދުނިޔެ

ކިޑްނީ ވިއްކާ ގޭންގެއް އަތުލައިގެންފި

ބަލި މީހުންތަކެއްގެ ކިޑްނީ ނަގައި ވިއްކުމުގެ ވިޔަފާރި ވަރަށް ފުޅާކޮށް ޕާކިސްތާނުގައި ހިންގަމުން އައި ގޭންގެއްގެ ބަޔަކު އަތުލައިގެންފި އެވެ.

އަށް މީހަކު ހިމެނޭ މި ގޭންގް އަތުލައިގެންފައި ވަނީ އިރުމަތީ ޕާކިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު އެވެ. މި ގޭންގްގެ ލީޑަރަކަށް ހުފީ "ޑރ. ފަވާދު" ކިޔާ މީހެކެވެ.

މިކަމާ ބެހޭ ގޮތުން ޕާކިސްތާންގެ ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރު މުހްސިން ނަގްވީ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި ގޭންގުން 328 މީހަކު އޮޕަރޭޝަންކޮށް އެ މީހުންގެ ކިޑްނީ ނަގާފައިވާ ކަމަށެވެ. އަދި އެ މީހުން ކިޑްނީތައް ވިއްކަމުން ދިޔައީ ގާތްގަނޑަކަށް 10 މިލިއަން ރުޕީސް 34،000 ޑޮލަރު) އަށް ކަމަށެވެ.

ނަގްވީ ވިދާޅުވީ މި ގޭންގުން މީހުންގެ ކިޑްނީ ނަގަމުން އައިސްފައި ވަނީ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާ މީހުން ހޯދައި ގަނެ، އެ މީހުން ޕްރައިވެޓް ކްލިނިކްތަކަކަށް ގެންގޮހެވެ. އަދި ކިޑްނީ ނެގި ގިނަ މީހުންނަށް އެ މީހުންގެ ކިޑްނީ ނަގާފައިވާ ނޭނގޭ ކަމަށާއި މުފަދަ ހާދިޒސާތަކޔގައި ތިން މީހެއްގެ ފުރާނަ ވެސް ގެއްލިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މި ޖަރީމާ ހިންގުމުގައި އިސްކޮށް ހުރި ފަވާދަކީ ކުރިން ވެސް މިފަދަ މައްސަލަތަކެއްގެ ގިނަ ރެކޯޑްތަކެއް އޮތް މީހެއް ކަމަށާއި މައްސަލަ މިހާރު ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ނަގްވީ ވިދާޅުވި އެވެ.

"މިކަން ވަރަށް ފުޅާކޮށް ކުރާ ކަމަށް މިހާރު ގަބޫލުކުރެވޭތީ އިތުރު އޮޕަރޭޝަންތައް ވެސް ހިންގަން ވަނީ ނިންމާފައި." އޭނަ ވިދާޅުވި އެވެ.

ޕާކިސްތާނަކީ 2007 އިން ފެށިގެން އިންސާނުންގެ ގުނަންތައް ވިއްކުން މަނާކޮށްފައިވާ ގައުމެކެވެ.