Last Updated: May 9, 11:16
Friday, May 9, 2025
ޚަބަރު

ނިޒާމީ ވޯޓު ކުރިއަށް ނުގެންދަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާފައިވާ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ މަޖިލީހުގައި އިންތިހާބީ ރައީސްއާ ބައްދަލުކުރެއްވިކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި، ޑރ. މުއިއްޒު ހުވާ ކުރެއްވުމާއި ސަރުކާރު ފަށައިގަތުމުގައި މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެރުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި މިވަގުތު ނިޒާމީ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ބަހުސް ކުރެވެމުންދާކަން އެ ބައްދަލުވުމުގައިވެސް ފާހަގަކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު އެމަނިކުފާނުވެސް އަދި އެ މައްސަލަ ހުށަހެޅުއްވި ޑިމޮކްރެޓްސް ޕާޓީންވެސް އެދެނީ އެ މަސައްކަތް މިގޮތަށް މިވަގުތު ނުކުރުމަށް ކަމަށް ވިދާޅުވިކަމަށެވެ. އަދި ޑިމޮކްރެޓްސްއިން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށް އެ ބައްދަލުވުމުގައި ޑރ. މުއިއްޒުއަށް ދެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ނިޒާމީ ވާހަކަ ރައްޖޭގެ ސިޔާސީ މަޝްރަހުން އަދި މުޖުތަމައުން ފިލާ ނުދާކަމަށާއި އެހެންކަމުން އެކަމާ މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންކަމަށް ނަޝިދު ވިދާޅުވިއެވެ.

"އެދުނީމާ [ޑރ. މުއިއްޒު] ވިދާޅުވި އިން ޑިއު ކޯސް، ވީ ކޭން ސާކަލް ބެކް ޓު އިޓް އެންޑް އާސްކް ދަ ޕަބްލިކް. [ޑރ. މުއިއްޒު] އެ ވިދާޅުވީ ވަގުތުގައި އެ މަސައްްކަތަށް އަނބުރާ ގޮސް ފެންނަ ނުފެންނަ ވޯޓު އަހާ މަސައްކަތް ކުރިއަށް ގެންދެވިދާނޭ. ދެން އަޅުގަނޑަށް ފެނުނު ތަނުގައި ވަރަށް ހިތްހަމަޖެހޭ ވާހަކައެއް އެ ވިދާޅުވީ. އެއީ މި ގަޑީގައި އެ މަސައްކަތް ނުކުރެއްވި ނަމަވެސް އެބޭފުޅާވެސް ދެކެވަޑައިގަންނަވާ ގޮތުގައި މި މަސައްކަތް އެއީ ފަހުން ކުރެވެން އޮތް މަސައްކަތެއްގެ ގޮތުގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ރިޔާސީ މި ދައުރު ރީތިކޮށް ފެށުމަށާއި ޑރ. މުއިއްޒުއަށް ރައީސްކަން ރީތިކޮށް ކުރުމުގެ ފުރުސަތު އެންމެންވެސް ފަހިކޮށްދިނުމުގެ ގޮތުން މި ޖާގަދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާފައި ބޭއްވުމަށް ފެންނަކަމަށްވެސް ވިދާޅުވިއެވެ.

މިއާއެކު ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ނިޒާމީ ވޯޓުގެ މަސައްކަތް ނުކުރައްވާ ދޫކޮށްލާފައެވެ.