Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

"މީ އިޝްގް" ގައި ޖެހޭނީ އަންނަ އަހަރު

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު" އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.

މީހެ ހަފުތާއެއްހާ ދުވަސް ކުރިން ޓީޒާއެއް ވެސް ދައްކައިލި މި ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯ އިން އުފައްދައި، ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރެޒެންޓްކޮށްދޭ އެއްޗެކެވެ. އެގޮތުން އެ ސްޓޫޑިއޯ އިން މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ "މީ އިޝްގް" ރިލީޒްކުރާނީ އަންނަ އަހަރު ކަމަށެވެ. އެކަމަކު ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.

"މީ އިޝްގް" އަކީ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. މީގެ ލީޑުން ފެންނާނީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މި ޖޯޑަކީ މި އަހަރުގެ މާޗްގައި ޑާކް ރެއިނުން މީޑިއާ ނެޓް މެދުވެރިކޮށް، ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" ގެ ވެސް ތަރިންނެވެ.

އަޒްހާން ފީޗާ ފިލްމެއް ގެނެސްދޭން މަސައްކަތް ފެށީ މަގުބޫލު ދެ ވެބް ސީރީޒް ގެނެސްދިނުމަށް ފަހު އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.

ޑާކް ރެއިނުން އަންނަ އަހަރު ގެނެސްދޭން ތާވަލުކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ފުރޭތަ" އާއި "ބަޅިނދު" ވެސް ހިމެނެ އެވެ. މި އަހަރުގެ ފެބްރުއަރީގައި "ބީވީމާ" ގެނެސްދިން ކާމިޔާބު ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 4 ގައި ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވާ "ނޮވެމްބާ" އެވެ.