މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލިފައިވާތީ ދެން އެމް ބޮޑު އަމާޒަކަށް ވާންވީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމުން ބަރުލަމާނީ ފުރޮޅާލުމާ މެދު ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ގޮތުން އެމްޑީޕީން ގޮތެއް ނިންމަން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ދެން އެންމެ ބޮޑު އަމާޒަކަށްވާންވީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށާއި 2028 ގެ ރިޔާސީ އިންތިހާބު އެމްޑީޕީން ނެގުމަށް ކަމަށެވެ. އަދި އެ މަސައްކަތްތަކުގައި އެ މަނިކުފާނަށް ކޮށްދެއްވަން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހަކީ މަޖިލީހުގެ މެންބަރުކަން 25 އަހަރު ކުރެއްވި ބޭފުޅެކެވެ.
"އަމާޒަކަށް ހަދަންވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރަން." ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރަން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ދެހާސް ނަވާރަ އިން ފެށިގެން މިހާރު ހިނގަމުން އަންނަ މަޖިލީހަކީ ދާދި ފަހަކާ ޖެހެންދެން އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ އޮތް މަޖިލީހެކެވެ. އެ ޕާޓީގެ ރައީސްގެ މަގާމުގެ އިތުރުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސް ކިޔާ ޕާޓީއެއް އުފައްދުމާ ގުޅިގެން އެމްޑީޕީ އަށް ވަނީ ސުޕަ މެޖޯރިޓީ ގެއްލިފަ އެވެ.
މަޖިލީހުގައި މިހާރު 87 މެމްބަރުން ތިއްވަބާ އިރު، އަލަށް އިތުރު އިތުރުވި ހަ ދާއިރާއާ އެކި އަންނަ އަހަރު 93 މެންބަރުން އިންތިހާބު ކުރާނެ އެވެ.