މިސްރުގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ރާއްޖެ އަށް ބައިވެރިވާން ދައުވަތު ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މި މުބާރާތަކީ "30 ވަނަ އިންޓަނޭޝަނަލް ކޮންޓެސްޓް ފޮ ރިސައިޓަސް އޮފް ދަ ހޮލީ ޤުރުއާން" ކަމަށެވެ. މު މުބާރާތް ބާއްވަން ހަމަޖެހިފައި މި އަހަރުގެ ޑިސެމްބަރު 23-27 އަށެވެ.
މުބާރާތުގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބުމާ ގުޅިގެން އެކަމަށް ހުޅުވާލައި ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 9 ގެ ހެނދުނު 10:00 ގެ ކުރިން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް އެކަން ހުށަހަޅަން ޖެހެ އެވެ. މެއިލް މެދުވެރިކޮށް ނަމަ ހުށަހަޅާނީ މި މެއިލް info@nchq.gov.mv މެދުވެރިކޮށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ މުޅި ޤުރުއާން ހިތުދަސްކޮށްފައިވާ 30 އަހަރުވެފައިވާ މީހުންނަށެވެ. އަދި މުބާރާތަށް ހޮވާނީ އެކެކެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތަށް ބައިވެރިއަކު ހޮވާނީ އެކަމަށް އެދި ހުށަހަޅާ މީހުންގެ މެދުގައި އިމްތިހާނެއް ބޭއްވުމަށް ފަހު ކަމަށެވެ.
މީގެ ކުރިން ވެސް މިސްރުގެ ޤުރުއާން މުބާރާތްތަކުގައި ރާއްޖެއިން ވާދަކޮށްފައިވެ އެވެ.