Last Updated: May 9, 11:16
Friday, May 9, 2025
ޚަބަރު

ޓްރާންސިޝަނަލް މަސައްކަތަށް ފުރިހަމަ ވަގުތު ދޭން ބޭނުން

ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: މާލެސިޓީ ކައުންސިލް

ޓްރާންސިޝަނަލް މަސައްކަތަށް ފުރިހަމަ ވަގުތު ދޭން ބޭނުންވާކަމަށާއި ވެރިކަމުގެ ހުވާ ކުރައްވާ މަސައްކަތް ފައްޓަވަން ބޭނުންފުޅުވަނީ މެނިފެސްޓޯގެ ފުރިހަމަ ޕްލޭނަކާ އެކު ކަމަށް އިންތިހާބީ ރައީސް އަދި މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގެ ރިސާތުގައި އިންނަވާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންނާއި ކައުންސިލްގެ ވެރިންނަށް އަދި މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ. އެގޮތުން މުއިއްޒުވަނީ މާލެސީޓީ ކައުންސިލުން މި ދައުރުގައި ކުރި މަސައްކަތާއި ދެއްވި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރާއި ހަމައަށް މޭޔަރުގެ މަގާމުގައި ހުންނަވާނެ ކަމަށާއި އެހެންނަމަވެސް މަގާމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކުރައްވާ ކަމަށެވެ. އެގޮތް ވާނީ މިވަގުތު އެންމެ އިންސާފުވެރި ގޮތަށްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވުމުން މިވަގުތު ޓްރާންސިޝަނަލް މަސައްކަތަށް ވަގުތު ދޭންބޭނުންވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ވަގުތު ނުދެއްވައިފިނަމަ ނޮވެމްބަރު 17 ވަނަ ދުވަހު މަގާމުގެ ހުވާ ކުރައްވާ މަސައްކަތް ފައްޓަވާއިރު މުޅިން އެކަމަށް ތައްޔާރު ނުވެވި ހުރެދާނެ ކަމަށެވެ. ވެރިކަމަށް ވަޑައިގަތީ މެނިފެސްޓޯއަކާ އެކުކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މަސައްކަތް ފަށަން ގަސްތު ކުރަނީ މެނިފެސްޓޯގެ ޑީޓެއިލް ޕްލޭނަކާ އެކުކަމަށެވެ.

މާލެސިޓީ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ބޮޑެތި ކަންކަން ނިންމަންއުޅެ އެއިން އެއްވެސް ކަމެއް ނުވި ކަމަށެވެ. އެގޮތުން ލޭންޑްޔޫޒް ޕްލޭން ފާސް ނުވި ކަމަށާއި ކުންފުނި ރަޖިސްޓްރީ ނުކުރެވުނު ކަމަށާއި ޕާކިން ބިލްޑިން އެޅުމަށް ހުއްދަ ނުދިން ކަމަށާއި އަދި އެފަދަ ބައިވަރު ކަންކަން ދިމާވި ކަމަށެވެ. މިފަދަ ކަންކަން ރާއްޖޭގެ އެހެން ގިނަ ކައުންސިލްތަކަށްވެސް ދިމާވެފައި ހުރިކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"އެހެންމަ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެކަމާ ވިސްނާފަ ހުށަހެޅިގޮތް، އެލްޖީއޭ ފުލީ ފަންކްޝަން ކުރެވި ބާރުވެރި ކުރެވޭނެ ނިޒާމު. އެކަމަށް ހާއްސަ މިނިސްޓަރެއް ބަހައްޓައިގެން އެލްޖީއޭއަށް ބާރުދީގެން ހަމަ ޑޭޓުޑޭ ކައުންސިލްތަކަށް ބޭނުންވާ މިކަހަލަ ހުރިހާ ކަމެއް، ސަރުކާރުގެ ތެރެއިން ހުއްދަ ލިބޭގޮތަށް، ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ހުއްދަތައް ހޯދުމަށް ކައުންސިލްތައް ހިނގާނެގޮތް ހެދުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ގޮތޭ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރަށްފަހު ފެނިގެންދާނީ މާލެ ސިޓީ ކައުންސިލާއި އެހެން ކައުންސިލްތަކަށްވެސް ހުއްދަ ނުލިބި ހުރި ކަންކަމަށް ވަރަށް ފަސޭހަކަމާއެކު ހުއްދަ ލިބިގެން ބާރަށް ހިނގުމުގެ ފުރުސަތު ލިބިގެންދާތަން ކަމަށެވެ. އެހެންކަމުން ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން" ކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.