Last Updated: April 27, 22:41
Saturday, April 27, 2024
ދުނިޔެ

ބޮޑު ފާރަށް ގެއްލުން ދިން ބަޔަކު ހައްޔަރަށް

ދުނިޔޭގެ ހަތް އަޖާއިބުގެ ތެރޭގައި ހިމެނޭގެ ޗައިނާގެ ބޮޑު ފާރުން ބައެއް ތަޅާލައި، ގެއްލުން ދިން ބަޔަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސްކަވަރޭޓަކުން ފާރުގެ ތަންގަނޑެއް ތަޅައި، ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޒެންގް ނަމަކަށް ކިޔާ 38 އަހަރުގެ ފިރިހެނަކާއި ވޭންގް ކިޔާ 55 އަހަރުގެ އަންހެނެކެވެ.

މި ދެ މީހުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ގެއްލުން ދިނީ ފާރުގެ އެންމެ ދުވަސްވީ އެއް ދިމާއަށް ކަމަށާއި އެ މީހުން ފާރުން ބައެެއް ތަޅާލި އެ ސަރަހައްދަކީ އެ މީހުން ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުން ދިޔަ ދިމާލެއްކަމުން ސައިޓަށް ވަންނަން ޝޯޓްކަޓެއް ނެގުމުގެ ގޮތުންނެވެ.

ޗައިނާ ރަމްޒުކޮށްދޭ ބިނާއެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު "ދަ ގްރޭޓް ވޯލް އޮފް ޗައިނާ" އަކީ 7 ވަނަ ގަރުނުގައި ބިނާކުރި ތަނެކެވެ. އަދި އެ ފާރުގެ ދިގުމިނުގައި 21,196.18 ކިލޯމީޓަރު ހުރެ އެވެ. މިއީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.

ޗައިނާގެ ބޮޑު ފާރަކީ 1987 އިން ފެށިގެން ޔުނެސްކޯގެ ވޯޓް ހެރިޓޭޖް ލިސްޓްގައި ވެސް ހިމެނޭ ތަނެކެވެ.