ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ 8 ވަނަ ސީޒަން މި މަހުގެ 26 ގައި ޕްރީމިއާކުރަން ނިންމައި، އޭގެ ޕްރޮމޯ ވެސް ދައްކާލައިފި އެވެ.
މި ފަހަރު ވެސް މި ޝޯ ގެނެސްދޭނީ މިދިޔަ އަހަރެކޭ އެއްގޮތަށް ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. އާންމު އުސޫލުގެ މަތިން އާ ސީޒަންގައި ވެސް އިންޑިއާގެ މަޝްހޫރު ސެލެބްރީންތަކެއް މެހުމާނުންގެ ގޮތުގައި އެކި އެޕިސޯޑްތަކުގައި ބައިވެރިވާނެ އެވެ.
"ކޮފީ ވިތު ކަރަން" އަކީ 2004 ގައި ގެނެސްދޭން ފެށި އަދި އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޝޯއެކެވެ.
"ކޮފީ ވިތު ކަރަން 8" އެކީ ކަރަން ބެކުންތެރިންނާ ބައްދަލުކުރަން ދަތުރު ފަށާފައިވާ އިރު، އޭނަ މި އަހަރު ވަނީ ބެލުންތެރިންނަށް ރީތި އަދި ކާމިޔާބު ފިލްމެއް ވެސް ގެނެސްދީފަ އެވެ. އެއީ ޖުލައިގައި ރިލީޒްކުރި ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
މި ފިލްމަށް ފަހު ކަރަން ދެން ގެނެސްދޭން އޮތީ ކެރިއަރުގައި އަލަށް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެކްޝަން ފިލްމެކެވެ. ނަމަވެސް އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.