Last Updated: August 12, 10:10
Tuesday, August 12, 2025
ޚަބަރު

އާ ސަރުކާރާ ގުޅޭގޮތުން ބައެއް ވަޒީރުން މެސެޖު އެބަކުރައްވާ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވަން އުޅުއްވާ ސަރުކާރާ ގުޅޭގޮތުން މިހާރުގެ ބައެއް ވަޒީރު ބޭފުޅުން ބަދުބަސް ވިދާޅުވެ ބޭރުގެ އެކި ފަރާތްތަކަށް މެސެޖުކުރައްވާ ހައްދަވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބައެއް ވަޒީރުން ދުނިޔޭގެ އެކިއެކި އިއްޒަތްތެރިންނަށް މެސެޖް ކުރައްވާ، ޑރ. މުހައްމަދު މުއިއްޒުގެ އުފެދެން އުޅޭ ސަރުކާރާ ގުޅޭގޮތުން ބަދުބަސް ބުނަމުންދާ ކަމަށެވެ. އެގޮތަށް މެސެޖު ކުރުމުން އެ ބޭފުޅުން އެ މެސެޖުތައް އެމަނިކުފާނަށް ފޮނުވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"ދެން އަޅުގަނޑު އެބަ ދަންނަވަން، އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑު ވެސް ބައިވެރިވެއޭ. ދެން އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގުވޭ ސާފުކޮށްދޭން އެހާ ގޯސްކަމެއް ރާއްޖޭގައި ވާން އުޅޭކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ވަޒީރު ބޭފުޅުން ވެސް އަދި އެހެން އިއްޒަތްތެރިބޭބޭފުޅުންވެސް ދުނިޔޭގެ އެހެން ތަންތަނަށް އެފަދަ މޭރުމުން މެސެޖު ނުކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު އެފަދަ މެސެޖެއް ކުރެއްވީ ކޮން ވަޒީރެއް ކޮން ބޭރުގެ ފަރާތަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އެކަން އެފަދައިން ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.