Last Updated: May 9, 11:14
Friday, May 9, 2025
ޚަބަރު

ޒަރީރަށް ހަމަލާ ދީގެން 3 މީހަކަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކއިޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ 1 މޭ 2023 ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، "ހަބީބީ" ކެފޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ދައުވާތައް ކުރުމަށް 19 ސެޕްޓެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ

އެގޮތުން މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ މއ. ނައިޓްވިލާ އިބްރާހީމް އަބްދުﷲ (ގައްބަރޭ)، ތ. ކިނބިދޫ ދީފުރަމްގެ އަހްމަދު އަވްޝަމް އަދި މ. ތާޖް މުލާއިމް މުޙައްމަދުގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން އިބްރާހިމް އަބްދުﷲ (ގައްބަރޭ) ގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އަހްމަދު އަވްޝަމް އަދި މުލާއިމް މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާ ގުޅިގެން މެންބަރު ޒަރީރު މިފަހުން ވަނީ ގައްބަރޭ އަކީ އޭނާގެ އެކުވެރިއެއް ކަމަށްބުނެ ގައްބަރޭ ދޫކޮށްލުމަށް ގޮވާލާފައެވެ.