Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

އެކްސް އިން "އެކްސް" އަށް ދައުވާ ކުރަނީ

ދާދި ފަހުން "އެކްސް" އަށް ރިބޭންޑްކުރި ޓްވިޓާއާ ދެކޮޅަށް އެކްސް ކިޔާ ކުންފުންޏަކުން ދައުވާކޮށްފި އެވެ.

މަހުޖަނު އީލޮން މަސްކްގެ އެކްސް ކޯޕަރޭޝަނާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އެކްސް ސޯޝަލް މީޑިއާ އެލްއެލްސީންނެވެ. އެ ކުންފުނިން "އެކްސް" އަށް ދައުވާކުރަން ހުށަހެޅި ފްލޮރިޑާގެ މިޑްލް ޑިސްޓްރިކްޓް ޑިސްޓްރިކްޓް ކޯޓަށެވެ.

ދައުވާގައި ބުނެފައި ވަނީ ރަޖިސްޓްރީކޮށް، 2016 އިން ފެށިގެން ޓްރޭޑްމާކެއްގެ ގޮތުގައި އެކްސް ބޭނުން ކުރަމުން ދަނިކޮށް ޓްވިޓާ "އެކްސް" އަށް ރިބްރޭންޑް ކުރުމުން ބޮޑެތި އޮޅުންބޮޅުންތަކެއް، އަރައި ކަސްޓަމަރުންގެ މެދުގައި ވެސް ބޮޑު ނުތަނަސްކަމެއް އުފެދިފައިވާ ކަމަށެވެ. އަދި މިއީ ވިޔަފާރީގެ އާންމު އުސޫލާ ވެސް ހިލާފަށް އީލޮންގެ ކުންފުނިން ކޮށްފައިވާ ކަމެއް ކަމަށާއި މީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެފައިވެ އެވެ.

އެކްސް މީޑިއާ އަކީ މީޑިއާ އެޑްވަޓައިޒިން އެޖެންސީއެކެވެ. ނަމަވެސް "އެކްސް" އާ ދެކޮޅަށް އެކްސް އިން ކުރި ދައުވާގައި ގެއްލުމުގެ ބަދަލެއް ނަގައިދޭން އެދިފައެއް ނުވެ އެވެ. އެ ކުންފުނިން ދައުވާކުރަނީ އެ މީހުންގެ ޓްރޭޑްމާކް ހައްގަށް އަރައިގެންފައިވާ ކަމަށް ބުނެ، "އެކްސް" އަށް އެކްސް ބޭނުން ނުކުރެވޭ ގޮތް ހަދައިދިނުމަށް އެދި އެވެ.

މީގެ ކުރިން ވެސް ބައެއް ކުންފުނިތައް ރިބްރޭންޑްކުރުމާ ގުޅިގެން އޮޅުންތައް އަރައިގެން ދައުވާކޮށްފައިވެ އެވެ. އެގޮތުން ފޭސްބުކާއި އިންޓްސްގްރާމާއި ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތައް ހިންގާ ފޭސްބުކް މެޓަ އަށް ރިބްރޭންޑްކުރުމުން މެޓަ ކިޔާ، ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޓެބްލެޓާއި އެފަދަ އެއްޗިއްސާ ގުޅުން ހުރި ސޮފްޓްވެއާތައް ވިއްކާ ކުންފުންޏަން މެޓަ އަށް މިދިޔަ އަހަރު ދައުވާކުރި އެވެ.