Last Updated: July 15, 14:06
Wednesday, July 15, 2026
ކުޅިވަރު

ނިއު ކާސަލް އިން ޕީއެސްޖީ ހަމަބިމަށް ތިރިކޮށްފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑުން 4-1 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ނިއުކާސަލް އިން ޗެމްޕިއަންސް ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ގްރޫޕް ސްޓޭޖު މެޗަކުން ޕީއެސްޖީ މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ނިއުކާސަލް އޮތީ ގްރޫޕް އެފްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު ޕީއެސްޖީ އޮތްއިރު ތިންވަނައިގައި ދެ ޕޮއިންޓާ އެކު އޮތީ އޭސީ މިލާނެވެ. ގްރޫޕްގެ ފުލުގައި އޮތް ބްރޫޝިއާ ޑޯޓްމަންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ނިއުކާސަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 17 ވަނަ މިނެޓްގައި އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މިގޭލް އަލްމިރޯން އެވެ. އަލްމިރޯން މި ގޯލު ކާމިޔާބު ކުރީ ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ވެސް ނިއުކާސަލް އިން ދިޔައީ ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 39 ވަނަ މިނެޓްގައި ޑޭން ބާން ބޮލުން ފޮނުވާލި ހަމަލާއަކުން ނިއުކާސަލުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ނިއުކާސަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޝޯން ލޯންގްސްޓާފް އެވެ. މެޗުގެ 50 ވަނަ މިނެޓްގައި ލޯންގްސްޓާފް މި ގޯލު ކާމިޔާބު ކުރީ ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ ހަ މިނެޓް ފަހުން ލޫކަސް ހަނާންޑޭޒް ޕީއެސްޖީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނިއުކާސަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ފަބިއަން ޝާ އެވެ. މި ގޯލަކީ ޕީއެސްޖީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ 3-1 އިން ރެޑްބުލް ލީޕްޒިގްގެ މައްޗަށް ކުރި ހޯދާފަ އެވެ. ބާސެލޯނާ އިން 1-0 އިން ޕޯޓޯ ބަލިކުރިއިރު އޭސީ މިލާނާއި ޑޯޓްމަންޑް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ލާޒިޔޯ އިން ފަހު ވަގުތު 2-1 އިން ސެލްޓިކް ބަލިކުރިއިރު އެތްލެޓިކޯ މެޑްރިޑުން ވަނީ 3-2 އިން ފޭނޫޑް ބަލިކޮށްފަ އެވެ.