ފީފާ އިން 2030 ގެ ވޯލްޑް ކަޕް ހަ ގައުމެއްގައި ބޭއްވުމަށް ނިންމައިފި އެވެ.
ފީފާ އިން ބުނީ 2030 ގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޕެއިން އާއި ޕޯޗުގަލް އާއި މޮރޮކޯ އާއި އާޖެންޓީނާ އާއި ޕެރެގުއޭގެ އިތުރުން އުރުގުއޭގަ އެވެ.
މީގެތެރެއިން އާޖެންޓީނާ އާއި ޕެރެގުއޭ އަދި އުރުގުއޭގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މުބާރާތް ހުޅުވާ ތިން މެޗެވެ. އެ ތިން ގައުމުގައި ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ނިންމީ ވޯލްޑް ކަޕަށް 100 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ. ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ 1930 ވަނަ އަހަރު އުރުގުއޭގަ އެވެ.
މުބާރާތް ބާއްވާ ހަ ގައުމު ވެސް ވޯލްޑް ކަޕަށް އޮޓޮމެޓިކުން ކޮލިފައިވެފައިވާއިރު މިއީ ދުނިޔޭގެ ތިން ބައްރެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި 2030 ގެ ވޯލްޑް ކަޕް ވެގެންދާނީ ޕޯޗުގަލް އާއި މޮރޮކޯގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށެވެ. މިއީ ސްޕެއިންގައި ވޯލްޑް ކަޕް ބާއްވާ ދެވަނަ ފަހަރެވެ. އެގައުމުގައި އެންމެ ފުރަތަމަ ވޯލްޑް ކަޕް ބޭއްވީ 1982 ވަނަ އަހަރު އެވެ.
ވޯލްޑް ކަޕް 2030 ގައި ހަ ގައުމެއްގައި ބާއްވާއިރު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގަ އެވެ.