ސައުދީ އަރަބިއްޔާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ބާއްވަން ބިޑުކުރަން ނިންމައިފި އެވެ.
ފީފާ އިން ވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިޑުކުރެވޭނީ އޭޝިއާ ބައްރުގެ އިތުރުން އޯޝޭނިއާ ސަރަހައްދަށް ނިސްބަތްވާ ގައުމުތަކަށް އެކަނި ކަމަށް ކަނޑައަޅާފަ އެވެ.
ފީފާގެ މި ނިންމުމާއެކު ސައުދީން އިއްޔެ ވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރާނެކަން އިއުލާންކޮށްފަ އެވެ.
ސައުދީގެ ކުޅިވަރާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވީ ވޯލްޑް ކަޕް 2034 ގައި ސައުދީގައި ބޭއްވުމަކީ ކުޅިވަރުގައި ކުރިއަރާފައިވާ ގައުމަކަށް ސައުދީ ވުމުގެ އިތުރަށް ގައުމަށް އަންނަމުންދާ ކުރިއެރުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމަށެވެ. އަދި ވޯލްޑް ކަޕެއް ބޭއްވުމަކީ ފުޓްބޯޅައިގެ ދަތުރުގައި ސައުދީން ކުރިއަށް އަޅާނެ ބޮޑު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ވޯލްޑް ކަޕަށް ބިޑުކުރަން ސައުދީން ނިންމިއިރު މިއަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް އެގައުމުގަ އެވެ. އަދި 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީގަ އެވެ.
ސައުދީން އެގައުމުގެ ލީގު ވެސް ވަރުގަދަ ކުރަމުން އަންނައިރު އެ ލީގުގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް ތަރިންތަކެއް އަންނަނީ ކުޅެމުންނެވެ. އޭގެތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ އަދި ނޭމާ މެންފަދަ ކުޅުންތެރިން ފާހަގަކޮށްލެވެ އެވެ.
ވޯލްޑް ކަޕަށް ހަ ފަހަރު ކޮލިފައިވެފައިވާ ސައުދީން ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ބަލިކޮށް ދުނިޔެ ސިއްސުވާލާފަ އެވެ.