އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅޭ ދެވަނަ ފިލްމު "ޖިގްރާ" ގެ ޝޫޓިން ފަށައިފި އެވެ.
ރޭ މި ފިލްމުގެ މަސައްކަތް ފެށުމާ ދިމާކޮށް ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް ހުނަރުވެރި ބަތަލާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. "ޖިގްރާ" އަކީ އާލިއާގެ ވަރަށް ތަފާތު ރޯލަކުން ފެންނާނެ އެކްޝަން ތުރިލާއެކެވެ. މީގެ ޑައިރެކްޓަރަކީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެނެސްދިން ވަސަން ބާލާ އެވެ.
އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ "ޖިގްރާ" ޕްރޮޑިއުސްކުރަނީ އާލިއާގެ ފިލްމު ކުންފުނި، އެޓާނަކް ސަންޝަނައިން އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 27 ގަ އެވެ.
މިދިޔަ އަހަރުގެ "ގަންގޫބާއީ ކަތިއަވާޅީ" ގައި ކުޅުނު ރޯލުން މި އަހަރު މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކުރި އާލިއާ ޕްރޮޑިއުސްކޮށް، ކުޅުނު ފުރަތަމަ މިދިޔަ އަހަރުގެ "ޑާލިންސް" އެވެ.
މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާ ފިލްމުގެ ޝޫޓިން ފެށި އިރު، އޭނަގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ ޖުލައިގައި ރިލީޒްކުރި "ރޮކޯ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އޮގަސްޓްގައި ގެނެސްދިން އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އެވެ.