ޑައިރެކްޓަރު ނިތޭޝް ތިވާރީ ރާމާޔަން އަށް ބިނާކޮށް ހަދަން ނިންމާފައިވާ ބޮޑު ބަޖެޓް ޓްރިލޮޖީ "ރާމާޔަން" ގެ ބަތަލާގެ ރޯލަށް އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަތަލާ ސައީ ޕައްލަވީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންބީރް ކަޕޫރް ރާމްގެ ރޯލު ކުޅޭ ފިލްމުގައި ސީތާގެ ރޯލު ކުޅޭނީ އަންހެނުން އާލިއާ ބަޓެވެ. ނަމަވެސް އޭނަގެ ބަދަލުގައި މިހާރު ޕައްލަވީ އަށް އެ ރޯލު ދީފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާ އެކީ ވެސް މިހާރު ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ސައީ، 31، އަކީ އާންމުކޮށް ތަމަޅަ، ތެލެގޫ އަދި މަލަޔާޅަމް ފިލްމުތައް ކުޅޭ ބަތަލާއެކެވެ.
"ރާމާޔަން" ގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ ވަރަށް މުހިއްމު ރޯލެއް "ކޭޖީއެފް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ކަންނާޑާ އެކްޓަރު ޔާޝް ވެސް ކުޅޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަ ނިތޭޝްގެ ފިލްމުގައި ކުޅޭނީ އޭގެ ނެގަޓިވް ކެރެކްޓާ ރާވަންގެ ރޯލެވެ.
އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ ރާމާޔަން އަށް ބިނާކޮށް ހަދާ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މި ޓްރިލޮޖީ އިއުލާންކުރީ 2018 ގަ އެވެ. މީގެ ޑައިރެކްޓަރު ނިތޭޝް އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުޔައް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖުލައިގައި ވަރޫން ދަވަނާއި ޖާންވީ ކަޕޫރާ އެކީ ގެނެސްދިން "ބަވާލް" އެވެ.
ނިތޭޝްގެ "ރާމާޔަން" ވާނީ ރަންބީރްގެ ދެވަނަ ޓްރިލޮޖީ އެވެ. އޭނަގެ ފުރަތަމަ ޓްރިލޮޖީ އަކީ މިދިޔަ އަހަރު ފުރަތަމަ ބައި ގެނެސްދިން ޑައިރެކްޓަރު އަޔާން މުކަރްޖީ ގެ "ބުރައްމަސްތުރާ: ޕާޓް ވަން- ޝިވާ" އެވެ. އޭގެ ބަތަލާ އަކީ އާލިއާ އެވެ.
"ބުރައްމަސްތުރާ" އަކީ ރަންބީރާއި އާލިއާ އެކީގައި މިހާތަނަށް ކުޅުނު ހަމައެކަނި ފިލްމެވެ.