މިހާތަނަށް ލަކުނޑިން ހަދާ އެންމެ އުސް "ހައިބްރިޑް" އިމާރާތް އޮސްޓްރޭލިއާގައި ހަދަން ތައްތާރުވާން ފަށައިފި އެވެ.
މި ޕްރޮޖެކްޓަށް އެ ގައުމުގެ ޕާތުގެ މެޓްރޯ އިނަ-ސައުތު ޖޮއިންޓް ޑިވެލޮޕްމަންޓް އެސެސްމަންޓް ޕެނެލް (ޖޭޑީއޭޕީ) އިން މިއަދު ހުއްދަ ވެސް ދީފައިވާތީ، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. ކޮންކްރީޓުން ތަނބު ހެދި ނަމަވެސް އިމާރާތުގެ މައިގަނޑު ބައިތައް ލަކުނޑިން ހަދަން ނިންމާފައިވާ އިމާރާތް ހުންނާނީ ހުޅަނގު އޮސްޓްރޭލިއާގެ ދެކުނު ޕާތުގެ ޗާލްސް ސްޓްރީޓްގަ އެވެ.
އުސް މިނުގައި 191.2 މީޓަރު (627 ފޫޓް) ހުންނާނެ މި އިމާރާތަކީ 50 ބުރީގެ ތަނެކެވެ. މިތަނުގައި 200 އެޕާޓްމަންޓް ހުންނާނެ އެވެ. އަދި މިތަން ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން އޮސްޓްރޭލިއާހައި ހަދާ ފުރަތަމަ ކާބަން-ނެގަޓިވް އިމާރާތަށެވެ. ގްރޭންޖް ޑިވެލޮޕްމަންޓް ކިޔާ ކުންފުންޏަކުން ހިންގާ މި މަޝްރޫއަށް މި ވަގުތު ދީފައިވާ ނަމަކީ "ސީ6" އެވެ.
މިހާރު ލަކުނޑިން ހަދާފައިވާ އެންމެ އުސް އިމާރާތް ހުރީ އެމެރިކާގެ ވިސްކޮންސިންގަ އެވެ. އެސެންޓް ޓަވަރުގެ ނަން ދީފައިވާ 25 ބުރީގެ މި އިމާރާތުގެ އުސް މިނަކީ 86 މީޓަރު (284 ފޫޓް) އެވެ.
"ސީ6" ނިންމައި ހުޅުވާނެ އިރެއް ގްރޭންޑޖް ޑިވެލޮޕްމަންޓުން އަދި އިއުލާނެއް ނުކުރެ އެވެ
އޮސްޓްރޭލި އިން މިހާރު ވެސް އެމެރިކާގެ ރެކޯޑް މުގުރައިލަން ލަކުނޑިން ރެކޯޑް އުސް މިނުގެ އިމާރާތެއް ހަދަމުންނެވެ. އެއީ 2025 ގައި ހުޅުވަން އަމާޒު ހިފާފައިވާ ދި އެޓްލާސިއަން ސިޑްނީ ހެޑްކުއާޓާސް އެވެ. އެއީ 40 ބުރީގެ އިމާރާތެކެވެ.
ސްވިޓްޒަންލޭޑުން ވެސް މިދިޔަ އަހަރު ލަކުނޑިން އުސް ޓަވަރެއް ހަދަން ނިންމައި އެކަން އިއުލާކޮށްފައިވެ އެވެ. އެއީ ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ 100 މީޓަރު (328 ފޫޓް) ގެ ޓަވަރެކެވެ.