Last Updated: May 11, 14:51
Sunday, May 11, 2025
ޚަބަރު

ރަނގަޅު ޖީލެއް ބިނާކުރެވޭނީ ފެންވަރު ރަނގަޅު ޓީޗަރުންނާ އެކީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ރަނގަޅު ޖީލެއް ބިނާކުރެވޭނީ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް އުފެއްދިގެން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޚިތާބުގައި ވިދާޅުވީ ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ އަތްމަތިން ކަމަށާއި ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމައުގައި އުފެދިގެން އަންނަނީ، ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައި ކަމަށެވެ. އެހެންކަމުން ފެންވަރު ރަނގަޅު ޓީޗަރުން އުފައްދައި، ޓީޗަރުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

"ޤައުމީ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ޓީޗަރުންކަން ޔަޤީނެވެ. ސަރުކާރުގެ ސްކޫލްތަކުގައި ކަމަށް ވިޔަސް، ނުވަތަ އަމިއްލަ ސްކޫލްތަކުގައި ކަމަށް ވިޔަސް، ކޮންމެ ޓީޗަރަކުމެ އެ އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ދައުރެކެވެ. އެހެންކަމުން، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ޓީޗަރެއްގެ، އަދި ޓީޗަރުން ތަމްރީން ކުރެއްވުމުގެ ބުރަ އުފުއްލަވާ ކޮންމެ ބޭފުޅެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޝުކުރާއި ތަޢުރީފު އަރިސްކުރަމެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ތަރައްޤީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ދުނިޔެއަށް އަންނަ އިޤްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި އަޅުގަނޑުމެންގެ ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ރާއްޖޭގެ ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ހަމައެފަދައިން، ދިވެހިންގެ ދީނީ އަޤީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، އަޅުގަނޑުމެންގެ ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ، ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ޓީޗަރުންތަކެއް އުފެއްދިގެންކަމަށެވެ. އެހެންކަމުން، ތައުލީމާއި ތަރުބިއްޔަތުގެ ދާއިރާގެ ތެރެއަށް މެހެމުން އަންނަ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމައެފަދައިން އިސްލާމީ ރިވެތި އަދަބު އަހުލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބެ، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، އިޖްތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.