Last Updated: July 16, 18:01
Thursday, July 16, 2026
ރިޕޯޓް

ކޮބާ، މަޖިލީހަށް ކުރިމަތި ނުލަންތަ؟

ރިޔާސީ އިންތިހާބު ނިމުމާ އެކީ މިހާރު އެންމެ ބާރަށް ދެކެވެނީ އަންނަ އަހަރު ރިޔާސީ އިންތިހާބުގެ ވާހަކަ އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި މީސްމީހުން އަންނަނީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ވެސް ކިރަމުންނެވެ. މީގެ ތެރޭގައި ކުރިން މެމްބަރުކަން ކުރައްބާފައިވާ ބައެއް ބޭފުޅުންނާއި މުޅިން އަލަށް މިކަމަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކުރާ ވަރަށް ގިނަ ޒުވާނުން ވެސް ހިމެނެ އެވެ. އަދި ގާބިލު ކަމަށް ފެންނަ މީހުން އެންޑޯޒްކޮށް، މަޖިލީހަށް ކުރިމަތިލާން ހިތްވަރުދޭ ޕޯސްޓަތުތައް މިހާރު ވަރަށް ގިނަ އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް މިހާރު ވަދެލާ އިރު، މަޖިލީހަށް ކުރިމަތިލާން އުޅޭ ވާހަަކަތަކަކީ މިހާރު އެންމެ ޓްރެންޑިން ވާހަކަ އެވެ. ދެ ޖިންސްގެ އެކި އުމުރުގެ މީހުން ހަމަ މި ވާހަކައިގަ އެވެ.

މިހާރު ތަނަކުން ރައްޓެއްސަކާ ނުވަތަ އާއިލާގެ މީހަކާ ދިމާވިޔަސް އަހަނީ ހަމަ މި ސުވާލެވެ؛ ކޮބާ، މަޖިލީހަށް ކުރިމަތި ނުލަން ނުލަން ހެއްޔޭ އެވެ؟

އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް އިލެކްޝަން ކޮމިޝަން އީސީ) އިން މިހާރު ވަނީ ތައްޔާރުވާން ފަށައިފަ އެވެ. އެކަމަކު އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަން އަހަރުގެ އިންތިހާބަކީ އަނެއްކާ ވެސް ތަފާތެއް ފެންނާނެ އިންތިހާބެކެވެ. އެއީ އިދާރީ ދާއިރާތަކަށް އައި ބަދަލުތަކަކާ ގުޅިގެން ގޮނޑީގެ އަދަދު އިތުރުވުމެވެ. އެގޮތުން ހަ ދާއިރާއެއް އިތުރުވެ، އަންނަ އަހަރު ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާނެ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދަކީ މިހާރު 87 އެވެ. މި އަދަދު އާންމުންގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ބަހުސަސްވެފައި އޮއްވައި އަނެއްކާ ވެސް ގޮނޑި އިތުރުވާތީ ކަންބޮޑުވާ މީހުން ވެސް މަދެއް ނޫނެވެ. މީގެ ތެރޭގައި މިހާރު މަޖިލީހުގައި ތިއްބެވި ބައެއް މެންވަރުން ވެސް ހިމެނެ އެވެ. އެހެންވެ މިހާރު އޮތް އަދަދު ހިފަހެއްޓުމަށާއި އަދި މިހަރަށް ވުރެ އަދަދު މަދުކުރަން ވެސް ވަލާކާތު ކުރާ މީހުން އެބަ އުޅެ އެވެ.

މަޖިލީހުގެ ގިޮނޑި އިތުރުވާތީ ކަންބޮޑުވަނީ މައިގަނޑު އެންމެ ސަބަބަކާ ހެދި އެވެ. އެއީ މުސާރަ އާއި އިނާތާޔާ އެކީ ގާތްގަނޑަކަށް ލައްކައަކާ ގާތްކުރާ ވަރުގެ މުސާރައެއް މެމްބަރުންހެ ޖީބަށް ވަންނަ އިރު، މަޖިލީހުގެ ތެރެއިން ހަރުދަނާ އަދި ޒިންމާދާރު މަސައްކަތެއް ކުރެވޭ ތަން ފެނިގެން ނުދިއުމެވެ.

އެހެންވެ ބައެެއްގެ މީހުންގެ ނަޒަރުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ "ފެންވަރެއް ނެތް" ތަނެކެވެ.

ކޮންމެއަކަސް ރައްޔިތުންނާ ގުޅުން ހުރި ބޮޑު އިންތިހާބަކާ އަންނަ އަހަދު ކުރިމަތިލާ އިރު، ޒިންމާދާރު މަޖިލީހަކަށް އުންމީދު ކުރަމާ ހިނގާށެވެ. އަދި މަޖިލިސް "ފެންވަރު" ތަނަކަށް ހެދުމަށް އޮތް އެންމެ ބޮޑު އަދި މުހިއްމު ކަމަކަށް ވާނީ ކިޔަވައިގެން ތައުލީމީ މީހުން މަޖިލީހަށް އިންތިހާބުކޮށްގެންނެވެ. އެހެންވެ ވަކިން ހާއްސަކޮށް، ގައުމުގެ ކުރިމަގު ކަމަށްވާ ޒުވާނުން މިކަމަށް ކުރިމަތިލުކީ ވަރަށް ހެޔޮ ބަދަލަކަށް ވެސް ވާނެ އެވެ.

ރާއްޖެ އަށް މަލްޓި ޕާޓީ ޑޮމޮކްރަސީ އައި ފަހުން ބޭއްވި މަޖިލީހުގެ މާޒީގެ އިންތިހާބުތަކަށް ބަލާ އިރު، މެމްބަރުން ހޮވުމުގައި އިސްކަން ދެވިފައި ވަނީ ޕާޓީ ކުލައަށް އިސްކަން ދެވިންގެންނެވެ. ތައުލީމީ ފެންވަރާއި ތަޖުރިބާ އާއި ގާބިލިއްޔަތު ކަމަށް މާ ބޮޑު އަހަންމިއްޔަތު ކަމެއް ދެވިފައެއް ނެތެވެ. ނަތީޖާ އަކީ "ތަންދޮރު ނޭނގޭ" މަގުމަތީގައި ހަޅޭފަޅޭއް ޖަހަން އުޅޭ "އެކްޓިވިސްޓުން" ވެސް އަށް މަޖިލީހަށް ވަނުމެވެ.

މީގެ ސަބަބުން ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭ ފުރިހަމަ ޒިންމާ އާއި މަސްއޫލިއްޔަތަށް ވަރަށް ބޮޑު ހުރަހެއް އެޅިފައިވެ އެވެ. މަޖިލީހަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. މިއީ ގައުމަށް ބޭނުންވާ ގާނޫނުތައް ހަދާ ދަތެނެވެ. އެހެންވެ އެ ތަނުގައި ތިބެން ވާނީ ހަގީގަތުގައި ވެސް ތައުލީމީ ބޭފުޅުންނެވެ. ކަންކަމަށް ރޯފިލާފައިވާ މީހުންނެވެ.

ފިކުރަށް، ޕާޓީ އަށް ކުލަ އަށް ބަލައިގެން މަޖިލީހަށް މެމްބަރުންގެ ހޮވުމުގެ ނަތީޖާ މި ފާއިތުވެ ދިޔަ ކުރު މާޒީން ވަރަށް ހިތިކޮށް ދިވެހިން ތަޖުރިބާ ވެސް ކޮށްފި އެވެ. އެހެންވެ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަކީ އެފަދަ މެމްބަރުން ހޮވާ އިންތިހާބަކަށް ނަހަދަން އަމާޒު ކަނޑައަޅަން ޖެހެ އެވެ. މަޖިލީހަކީ ޒިންމާދާރު އުފެއްދުންތެރި މަސައްކަތްތަކަށް ކުރެވޭ ތަނަކަށް ވާނީ މަޖިލީހާ ދޭތެރޭ ހުރިހާ ދިވެހިން ވެސް ފުންކޮށް ވިސްނާލައި ފިކުރުކޮށްގެންނެވެ. ތިމާ ވޯޓްދޭ މީހާ އަކީ ކޮން ފެންވަރެއްގެ މީހެއްތޯ ފުރަތަމަ ކަމަކަށް ބަލަމާ ހނގާށެވެ.

މިހާރު ފެންނަ މަންޒަރުތަކަށް ބަލާ އިރު އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ވާނީ ވަރަށް ގިނަ ބަޔަކު ވާދަކުރާ، ފޯރިގަދަ އިންތިހާބަކަށެވެ. ހާއްސަކޮށް މި އިންތިހާބާ އެކީ ސިޔާސީ ދާއިރާ އަލަށް ނުކުންނަ ދެ ޖިންސްގެ މީހުން އިތުރުވާނެ ކަަމަށް ވެސް ގަބޫލުކުރެވެ އެވެ.