Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

އަޅުގަނޑުގެ ހައްގުގައި މަގުމަތީ ތިބެން ކެރެން ޖެހޭނެ

ފޮޓޯ: ސަން

މަޤާމެއް ލިބުމުން ކަންކަން ހަނދާންނެތޭ ބޭފުޅުން ވަރަށް ގިނަކަމަށާއި، އެހެންނަމަވެސް އެމަނިކުފާނު ދެކެ ލޯބިވާނަމަ ޤައުމުގެ ހައްޤުގައި މަގުމަތީގައި ތިބެން ކެރެން ވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރޭ ރައީސް ޔާމީންގެ ގެކޮޅުކައިރިޔަށް ދިޔަ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ލީޑަރު ހައްޔަރުވެފައި ހުންނައިރު މަގުމަތީގައި އުޅެން ކެރެންވާނެ ކަމަށެވެ.

"ކެރެންވާނެ މަގުމަތީ އުޅެން. މަގާމުތައް ލިބުނީމާ އެކަންޏެއް ނޫން ބޮޑެތި ބަސް ބުނަން ވާނީ، އެމީހާގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން." ރައިސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހައްގުގައި އަޑުއުފުލަމުން ދިޔައީ އެމަނިކުފާނުދެކެ ލޯބިވާ އާންމު ރައްޔިތުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ގޮޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަކަން ލިބިގެން ދިޔައީ އެ ޓީމުން ކުރި މަސައްކަތުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ދެރަކަމަކީ މަގާމުތަކަށް އާދެވުމުން އެކަން ހަނދާން ނެތުން ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ ލޯތްބަކީ ޖަލު ގޮޅިޔަށް ލިޔަސް އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގައިވެސް ޖަލުން ސަލާމަތްވުމަށް އާދޭސް ނުކުރާ ކަމަށާއި އަދި މި ސަރުކާރުގައިވެސް ޖަލުން ސަލާމަތްވުމަށް އާދޭސް ނުކުރައްވާނޭ ކަމަށެވެ.

"ބޮޑުވަރަކަށް އަޅުގަނޑު ޖަލަށްތާ ލާނީ" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލެއްވީ އެމަނިކުފާނު މިނިވަން ކުރަންދެން އެމަނިކުފާނުގެ ހައްޤުގައި މަގުމަތީގައި ތިބުމަށެވެ.