ކާތިކް އާރިއަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "އާޝިގީ 3" އިއުލާންކުރި ފަހުން މީޑިއާގައ ހުއްޓުމެއް ނެތި ދެކެވެނީ މީގެ ބަތަލާގެ ވާހަކަ އެވެ. މިހާތަނަށް އެކި ފަހަރު މަތިން އެކި ބަތަލާއިންގެ ވާހަކަ ދެކެވި ލިސްޓް ވަރަށް ދިގު ވެސް ވެއްޖެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މިޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި "އާޝިގީ 3 ގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ. ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ މި ބަތަލާ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ސްޓޫޑެންޓް އޮފް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާއެކެވެ. ތާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އޭކް ވިލަން ރިޓާންސް" އެވެ.
މީޑިއާތަކުން ބުނި ގޮތުގައި "އާޝިގީ 3" ތާރާ ގެންނަން ނިންމާފައިވާތީ އެކަން ވަރަށް އަވަހަށް އެ ފިލްމު އުފައްދާ ޓީމުން އިއުލާން ވެސް ކުރާނެ އެވެ. މި ފިލްމަކީ ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ އެއްޗެކެވެ. "އާޝިގީ 3" ގެ ޑައިރެކްޓަރަކީ "މާޑާ" އާއި "ބަރްފީ" ފަދަ ފިލްމުތައް ގެނެސްދިން އަނޫރާގް ބާސޫ އެވެ.
ކާތިކާ އެކީ "އާޝިގީ 3" އިން ފެންނާނީ ތާރާ ކަމަށް މިހާރު އަޑުތައް އަރާފައިވާ އިރު، މި ދެ ތަރިން އެކީގައި އަދި ފިލްމެއް ކުޅެފައެއް ނުވެ އެވެ. އެހެންވެ އާ ޖޯޑެއްގެ ކެމިސްޓްރީ ބަލާލަން ލިބުމަކީ ބެލުންތެރިންނަށް ހާއްސަ ކަމަކަށް ވާނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި "އާޝިގީ 3" އިއުލާންކުރި ފަހުން މީގެ ބަތަލާއަކާ ބެހޭ ގޮތުން ދެކެވެނު ވާހަކަތައް ބަލާ އިރު، އެންމެ ފުރަތަމަ ފިލްމާ ގުޅުވީ ޓީވީ ބަތަލާ ޖެނިފާ ވިންގެޓެވެ. އަދި މިދިޔަ މަހު އަޑުއެރި ގޮތުން ބަތަލާ އަކީ އަކަންޝާ ޝަރުމާ އެވެ. އޭގެ ކުރިން "އާޝިގީ 3" އަށް ގުޅުވި ބަތަލާއިންގެ ތެރޭގައި ކެޓްރީނާ ކައިފް، ދީޕިކާ ޕަދްކޯން، ސާރާ އަލީ ޅާން އަދި 2013 ފެ "އާޝިގީ 2" ގެ ބަތަލާ ޝްރަދާ ކަޕޫރް ވެސް ހިމެނެ އެވެ.
އެކަމަކު މިއިން އެއްވެސް ބަތަލާއަކާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އެއްވެސް ވާހަކައެއް މިހާތަނަށް ނުދައްކަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އާޝިގީ 3" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީފަ އެވެ. މި ފިލްމުގެ ކުރިން އަނޫރާގެ އޭނަގެ 2007 ގެ އެންތޮލޮޖީ ފިލްމު "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް "މެޓްރޯ އިންދި ނޯ" ގެނެސްދޭނެ އެވެ. އެއީ އަންނަ އަހަރުގެ މާޗް 29 ގަ އެވެ.